ނަފްސާނީ ދުޅަހެޔޮކަމަކީ ފުރިހަމަ މުޖުތަމައެއް ބިނާކުރުމުގެ މައިގަނޑު އަސާސް ކަމަށާއި، ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން އެކަމަށް ވެސް ހަމަހަމަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ނޮވެމްބަރު 1 އިން 2 އަށް ކުރިއަށްދާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ނަފްސާނީ މައްސަލަތަކުގައި އެހީ ހޯދުމަކީ ބަލިކަށިކަމެއްގެ ބަދަލުގައި ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ބަލައިގަންނަ، އަދި ތަފާތުކުރުންތައް ނައްތާލާފައިވާ އޯގާތެރި މުޖުތަމައެއް އޮތުމުގެ މުހިންމުކަން ހާމަކުރެއްވިއެވެ.

މަންމައެއްގެ ހައިސިއްޔަތުން ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެކަމަނާ ވިދާޅުވީ، ކިޔެވުމުގެ ޕްރެޝަރާއި އޮންލައިން މަންސަތަކުގެ ނުފޫޒުން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ގޭތެރެއިންނާއި ސްކޫލް މާހައުލުން އެކުދިންނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

މީގެއިތުރުން، ސަރުކާރުގެ 2025-2029 ގެ ނޭޝަނަލް މެންޓަލް ހެލްތު އެކްޝަން ޕްލޭނާއި، 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިން މެދުވެރިކޮށް މި ދާއިރާ ހަރުދަނާކުރަން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނު ނަމަވެސް އެންމެންނަށް މި ހިދުމަތް ފަސޭހައިން ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މި ދާއިރާގެ ސިއްހީ ހިދުމަތްތެރިންނާއި، ގައުމީ ޔުނިވާސިޓީން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން އެކަމަނާ ވަނީ، ނަފްސާނީ ފަރުވާ ދިނުމުގައި ސައިންޓިފިކް ގާބިލުކަމާއެކު އިންސާނިއްޔަތުކަން އިސްކުރުމަށާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.