ހުޅުމާލެ، ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި، ހިނގި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހިންގަމުންދާ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ހުންނަ "މެރިނޭޓް ކެފޭ" ގައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި އޭގެ ތެރެއިން 4 މީހަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަކުރައްވާނެ ކަމަށްވެސް ފުލުހުންގެ ހިދުމަތުން ވަނީ ވިދާޅުވެފައެވެ.