އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖުގެ މަސައްކަތްތައް އެހެން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން، ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާއަށް އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ހަވާލުކުރީ ޖޫން 4، 2022 ވަނަ ދުވަހުއެވެ.
ނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެން އެ އެއްބަސްވުން ސިޓީ ކައުންސިލުން ވަނީ ބާތިލުކޮށްފައެވެ. ސިޓީ ކައުންސިލުން މި އެއްބަސްވުން ބާތިލުކުރިއިރު ޕީއެންސީ މޯލްޑިވްސްއަށް ވަނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު، މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ ދީފައެވެ. އެއީ މުޅި ޕްރޮޖެކްޓުގެ 53 ޕަސެންޓު ފައިސާއެވެ.
އާ ސަހަރާގެ އާ ލައުންޖް ހަދަން އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ އިރު މި މަސައްކަތް ހަވާލުކުރި ކުންފުނީގެ މައުލޫމާތު، އަދި މި މަސައްކަތް ނިންމުމަށް ހަވާލުކުރި މުއްދަތާ އަގެއްވެސް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.
އާ ސަހަރާގައި ކައުންސިލުން ހަދަމުން އަންނަ އާ ލައުންޖުގެ މަސައްކަތް ނިމުމުން ކޮންމެ ލައުންޖެއްގައި 35 މީހުންނަށް އެއްފަހަރާ ތިބެވޭނެ ޖާގަ ލިބިގެން ދާނެއެވެ. އަދި މީގެތެރެއިން އެއް ލައުންޖު. ވީއައިޕީ ތަނެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު އެ ދެ ބުރީގެ އިމާރާތުގެ މަތީގައި އަންހެންވެރިންނަށް ނަމާދު ކުރެވޭނެ ހާއްސަ ބައެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
އަލަށް ހަދާ ދެ ބުރީގެ އިމާރާތުގައި މަޑުކޮށްލައިގެން ތިބެވޭ ލައުންޖުތައް ހަދަނީ މީހުން ވަޅުލާ މަންޒަރު ވެސް އަންހެނުންނަށް ފެންނަ ގޮތަށް ބިއްލޫރިޖަހައިގެން ހެދުމަށް ނިންމާފައިވާއިރު ކޮންމެ ލައުންޖެއްގައި ދެ ޖިންސުގެ މީހުންނަށް ހާއްސަ ދެ ފާހާނާ އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ފާހާނާ ހުންނާނެއެެވެ.