ރާއްޖެ އާއި މޮންޓަނޭގްރޯ އާއި ދެމެދު އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދެހިކުރުމާ އަދި ދެގައުމު ގުޅިގެން ކުރެވިދާނެ އިތުރު ކަންތައްތަަކާ ގުޅޭ ގޮތުން މޮންޓަނޭގްރޯގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓާ އެލެކްސާ ބެޗިޗްއާ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން ފަތުރުވެރިކަމާ، މަސްވެރިކަމާ، ވިޔަފާރީގެ ދާއިރާ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ވެސް، ކުދި ގައުމުތަކުން، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް މުއިއްޒުގެ ސިޔާސަތުތަކާ، އެމަނިކުފާނު އިސްކަން ދެއްވާ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ނައިބު ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ރާއްޖެއާއި މޮންޓަނޭގްރޯގެ ގުޅުން އިތުރަށް ބަދެހިކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުން މިނިސްޓާ އެލެކްސާ ބެޗިޗް ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން މިނިސްޓާ އެލެކްސާ ބެޗިޗް ވަނީ މޮންޓަނޭގްރޯގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އަދި ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި މޮންޓަނޭގްރޯގެ މަޖިލީހަށްވެސް ޒިޔާރަތްކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް ވަނީ ނައިބު ރައީސް އަކީ ރާއްޖޭގެ މަޖިލީހުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ ދެ ގައުމުގެ ގުޅުން ބަދެހިކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.