ފައިލޭރިއާ ފެތުރުން ކޮންޓްރޯލްކުރުމަށް އާބަންކޯއިން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

އާބަންކޯއިން ބުނީ، ކުޅުދުއްފުށި ސިޓީއިން ފައިލޭރިއާގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު، ފައިލޭރިއާ އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށް އެކޯޕަރޭޝަން އިން ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި މަހުގެ 22 ވަނަ ދުވަހު އެޗްޕީއޭ އަދި ދިވެހި ރެޑް ކްރެސެންޓް އާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންގެ ހެލަތް ސްކީރިންންގް ކުރިއަށްގެންގޮސްފައިވާއިރު އަދި ތިލަފުށި، ގުޅީފަޅު އަދި ހުޅުމާލެ ހިމެނޭހެން އިއްޔެ ރެންޑޮމް ސާމަޕްލިން ކުރިއަށް ގެންގޮސްފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން 'ފައިލޭރިއާއިން ރައްކާ' ނަމުގައި ކެމްޕެއިންއެއް ފަށައި، މިއަދު ހުޅުމާލެ 12 ޒޯންއަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައިވެސް މަދިރި އާލާވާ ތަންތަން ދެނެގަނެ މުޅި ހުޅުމާލޭގެ ސާވޭ ފަށާފައިވާ ކަމަށާއި އަދި ސްކޫލުތަކަށާއި ސަރުކާރު އަދި އަމިއްލަ ކުންފުނި މުއައްސަސާތަކުގެ މުއައްޒިފުންނަށް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގައި މި ކެމްޕެއިނަށް ބަހާލެވުނު 12 ޒޯންގައި ދިރިއުޅޭ މީހުން، ސްކޫލް ކުދިން، ސަރުކާރު އޮފިސް ކުންފުނިތައް ހިމެނޭހެން އެނެމެން ގުޅިގެން ސާފުކުރުމުގެ ބޮޑު ހަރާކާތެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، އެންމެން އެކީގައި ގުޅިގެން މަސައްކަތް ކޮށް މި މަދިރި ފެތުރޭ ތަންތަން ނައްތާލުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

ރާއްޖެއިން މުޅިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މި މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށިންނެވެ. އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32 އަކަށް އަރާފައެވެެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ކުރި ޓެސްޓުތަކުން ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށާއި ޕޮޒިޓިވްވި މީހުންގެ ތެރޭޣައި ހިމެނެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 ފަރާތަކާއި އިންޑިއާގެ ބިހާރުގެ 18 ފަރާތަކާއި އިންޑިއާގެ ޓެމިލްނާޑޫގެ އެއް ފަރާތަކާއި އިންޑިއާގެ ގޯޕާލްގަންޖުގެ އެއް ފަރާތަކާއި ބަންގްލަދޭޝްގެ ދެ ފަރާތެއް ކަމަށެވެ.

ފައިލޭރިއާއަށް ޕޮޒިޓިވްވާ މީހުންގެ ބޭސްފަރުވާކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭއިން ކަމަށްވާއިރު މިހާތަނަށް ޕޮޒިޓިވްވި ހުރިހާ މީހުންނަށްވެސް ވަނި ބޭސް ދީފައެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް ފުޅާކޮށް ދިވެހީންނާއި ބިދޭސީން ހިމެނޭހެން ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.