އައްޑޫގައި މަސްހިފަން ފޭބި ޒުވާނާ ހޯދުމަށް، އޭވިއޭޝަން އެކަޑަމީ މަތިންދާ ބޯޓު 3 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި އުމުރުން 18 އަހަރުގެ ސ. މަރަދޫ ކުރެދުމާގޭ، މުހައްމަދު ނައީޝް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށާފައި ވަނީ ބުރާސްފަތު ދުވަހުގެ ރެއެވެ.

ނައީޝް ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، އޭވިއޭޝަން އެކަޑަމީ މަތިންދާ ބޯޓު ބޭނުން ކޮށްގެން މިއަދުވެސް ވަނީ 3 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިހާތަނަށް ނައީޝްގެ ހިލަމެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ނައީޝް ގެއްލުނު ކަމަށް ބުނާ ސަރަހައްދު

ގެއްލުނު އިރު ނައީޝް ލައިގެން ހުރީ ހުދު ކުލައިގެ އަތްދިގު ޓީޝާޓެކެވެ. އެ ޒުވާނާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުގެ އިތުރުން ހިސާބުގެ ރަށްތަކުން ބައްލައިދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި ވެއެވެ.

މީގެ ކުރިން ރާއްޖޭގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓެވެ. ނަމަވެސް މިއީ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއްގައި ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ބޯޓުތަކަކީ އައްޑޫގައި ހުންނަ އޭވިއޭޝަން އެކަޑަމީގައި ޕައިލެޓްކަން ކިޔަވަމުން އަންނަ ދަރިވަރުންގެ ޓްރެއިނިންތަކުގައި ބޭނުންކުރަމުންދާ ބޯޓުތަކެކެވެ.