ދޯހަޅި ގާނޫނުތަކާއި ގަވައިދުތައް ހުންނަ ގޮތުން ރަޖިސްޓްރީ ނުކޮށް ނޫސް މަޖައްލާއެއް ހިންގުމުގެ ޖާގަ ރާއްޖޭގައި އެބައޮތެވެ. އެފަދަ އެއް ގާނޫނަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނެވެ. އެ ގާނޫނުގެ 36 ވަނަ މާއްދާގެ މާނަކުރުމުގައި ބުނާގޮތުން, ރަޖިސްޓްރީ ނުކޮށްވެސް މީޑިއާއެއް ހިންގޭނެއެވެ.
އެ ގާނޫނުގައި މީޑިއާ ކަމަށް ބުނެ އަޅާފައި އޮތް ހަމައަކީ, ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަހުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިޝްތިހާރު، އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއު ކުރުންތަކެވެ.
ދެން އޮތީ އޭގެ މައްޗަށް ބާރު ލިބިދޭ ގާނޫނު އަސާސީއެވެ. އަސާސީގެ 27 އަދި 28 ވަނަ މާއްދާ އަކީ, ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައި އޮތް ދެ މާއްދާއެވެ.
ރަޖިސްޓްރީ ނުކުރާ ސައިޓުތަކުގައި ހަބަރާއި މައުލޫމާތު ފެތުރުން
ރާއްޖެއެކޭ އެއްގޮތަށް ދުނިޔޭގެ އެތަން މިތާނގައި ފޮރުވިގެން ތިބެ ހަބަރާއި މައުލޫމާތު ފެތުރުމަކީ އާންމު ކަމެކެވެ. އެކަން އެހެން ކުރަނީ, ފޮރުވިގެން ތިބެ ނޫނީ އާންމު ކުރެވެން ނުހުންނަ ބައެއް މައުލޫމާތު ހާމަކުރުމުން, އެމީހަކު ނުވަތަ އެ މައުލޫމާތެއް ހާމަ ކުރި ފަރާތަކަށް އެތަނެއްގެ ސަރުކާރަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން ފިޔަވަޅު އަޅާ, ގެއްލުމެއް ދީފާނެތީއާއި ފޮރުވިގެން ތިބެ ނޫނީ ހާމަ ކުރެވެން ނުހުންނަ މައުލޫމާތު ހާމަ ކުރުމަށެވެ.
ބައެއް ހާލަތްތަކުގައި ހާމަ ކަމާއެކު ހަބަރާއި މައުލޫމާތު ފަތުރާ ފަރާތަކީ ކާކުކަން ނުވަތަ ކޮން ފަރާތްތަކެއްކަން އެނގޭ ހާލަތުގައި އެބައެއް ނުވަތަ އެމީހެއްގެ މައްޗަށް ސަރުކާރުގެ ފަރާތަކުން ނުފޫޒު ފޯރުވުމުގެ ފުރުސަތުން އެއްކިބާވުމަށް ވެސް ފޮރުވިގެން ތިބެ ހަބަރާއި މައުލޫމާތު ފަތުރައެވެ.
ރާއްޖޭގައި ވެސް މިކަން މިގޮތަށް ކުރާ އިރު, ސުވާލު އުފައްދަން ވީ އަދި އުފެދެނީ ފޮރުވިގެން ތިބެ ފަތުރަނީ ސައްހަ މައުލޫމާތުތޯއެވެ. އެއީ ސާބިތު ހިފޭ ވާހަކަތޯއެވެ. ފެކްޓެއްގެ މައްޗަށް ބިނާ ކޮށްގެން ފަތުރާ ވާހަކަތަކެއްތޯއެވެ. އަސާސެއް ނެތި މީހުންގެ އަބުރު ކަތިލައި ހަދަނީތޯއެވެ.
ރަޖިސްޓްރީ ނުކުރާ ސައިޓަކުން ފަތުރާ މައުލޫމާތަކާ ހުރެ ކަންބޮޑުވާން ވީ މިންވަރަށް ވުރެ ބޮޑަށް ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ސާބިތު ނުހިފޭ ވާހަކަ ފަތުރާ މައްސަލައިގައި ކަންބޮޑުވާން ޖެހެއެވެ. އެއީ ރާއްޖޭގައި އޮޕަރޭޓް ކުރާ އާންމު ސައިޓުތަކަށް ވުރެ ސޯޝަލްމިޑިއާގެ އިންފްލުއެންސް ބޮޑުވެފައި އެ ރީޗްވާ މިންވަރު ނުވަތަ ފެންނަ މީހުން ގިނަވުމެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި މައްސަލަ ހައްލު ނުކުރެވިގެން އުޅޭ އިރު, ސޯޝަލްމީޑިއާގެ އެންމެ ވަރުގަދަ ޕްލެޓްފޯމްތައް ކަމަށް ވާ ފޭސްބްކް އަދި ޓްވިޓާގެ ބާނީންނަށް، އެމެރިކާ އަދި ޔޫރަޕުގެ ސަރުކާރުތަކުން ސުވާލުތައް ކުރިމަތިކޮށް ތަހުގީގުތައްވެސް ހިންގާފައި އެބަހުއްޓެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތާއި, މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ އާއި ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ނުވަތަ ބައްޓަން ކުރުމަށް މައުލޫމާތުގެ ބޭނުން ހިފާ މައްސަލަތަކަކީ އެފަދަ ޕްލެޓްފޯމްތަކުގެ ވެރިންނަށް ކުރިމަތިވެގެން ދިޔަ ސުވާލުތަކެވެ.
މީހުންނަށް ނުބައި މައުލޫމާތު ފޯރުކޮށްދީގެން ގައުމުތަކުގެ ސަރުކާރުތައް ވައްޓާލުމުގައި ސޯޝަލްމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްފައި ވާ އިރު އެ ފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް އެ ފަދަ ކުންފުނިތަކުން ތަފާތު ގިނަ ފިޔަވަޅުތައްވެސް އަޅާފައި އެބަހުއްޓެވެ.
ރާއްޖޭގައި މެއިންސްޓްރީމް މީޑިއާ އަށް ވުރެ ސޯޝަލްމީޑިއާގެ ނުފޫޒު ގަދަވެފައި ވާ އިރު, ތެދު ދޮގަށް އަދި ދޮގު ތެދަށް ބަދަލުކޮށްގެން މައުލޫމާތު ފަތުރާ ކިތަންމެ ހާދިސާތަކެއް ފެންމަތިވެފައި ވެއެވެ. އެންމެ ފަހުން ނިމިދިޔަ އިންތިހާބާ ދިމާކޮށް, އޮބްޒަވޭޝަން ހެދި އީޔޫގެ ޓީމުން ފާހަގަ ކޮށްފައި ވާގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ނޫހަކުން ސްޕިންކޮށްގެން [ނުވަތަ އަސްލު އޮޅޭގޮތަށް މައުލޫމާތު ފަތުރާފައި ވެއެވެ. އަދި ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ވެސް ދޮގު މައުލޫމާތު ފެތުރުމާއި އަސްލު އޮޅޭގޮތަށް މައުލޫމާތު އޮޅުވާލައިގެން ފެތުރިކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
ދިމާވާ އެހެން މައްސަލައެއް
ރާއްޖޭގައި ނޫނަސް, ރަޖިސްޓްރީ ނުކޮށް ނުވަތަ ކާކުކަން ނޭނގޭ ގޮތަށް ސައިޓުތައް ހިންގާ މީހަކު ނުވަތަ އެބަޔަކު ބޭނުންވާ އެޖެންޑާއެއް ޕްރޮމޯޓު ކުރުމަކީ ކުރާ ކަމެކެވެ. އެއީ ބައެއް ހާލަތްތަކުގައި ނުރައްކާވެސް ކަމެކެވެ. މިސާލަކަށް ދީނީ މައުލޫމާތުތަކެއް ފަތުރަށް ބޭނުންވާ މީހަކު ބްލޮގެއް ހަދާ, އޭނާ ބޭނުންވާ ނަޒަރިއްޔާ އަކުން ދީނީ މައުލޫމާތު ފަތުރަމުން ގެންދަނީއެވެ. އެއީ އިސްލާމްދީނުގެ އަސްލުތަކާ ފުށޫއަރާ ވާހަކަތަކެއް ކަމަށް ވާނަމަ އެ މައުލޫމާތަކުން މުޖުތަމައަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. ހަމައެގޮތަށް ސިޔާސީ ވަކި އެޖެންޑާއެއްގައި މީހަކު އެފަދަ ކަމެއް ކުރާނަމަވެސް އެ ހަމަ އޮތީ އެގޮތަށެވެ. ގައުމީ ސަލާމަތަށް ނުރައްކާ ވާ ޒާތުގެ ވާހަކަތަކެއް މީހަކު އެގޮތަށް ފަތުރާނަމަވެސް އެކަން މިނަން ޖެހެނީ އެ މިންގަނޑުންނެވެ.
ހައްލަކީ ކޮބާ؟
ދެން އުފައްދަން ޖެހޭ ސުވާލަކީ, ރަޖިސްޓްރީ ނުކޮށް ހަބަރާއި މައުލޫމާތު ފަތުރާތީ ހައްލަކީ އެ ސައިޓެއް ބްލޮކް ކުރުންތޯއެވެ. ޓެކްނޮލޮޖީގެ ވަސީލަތްތައް ތިޔާގި މި ދުވަސްވަރު ސައިޓަކަށް ނުވަދެވޭ ގޮތް ހެދުމަށް އެ ސައިޓެއް ބްލޮކް ނުކުރިޔަސް ފުދޭނެއެވެ. ނަމަވެސް އެގޮތްތައް މިތާގައި ކިޔައި ދޭކަށް ނެތީމެވެ.
ކުރަން ޖެހޭ ކަމަކީ މީޑިއާތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައި ހުރި މުއައްސަސާތުގެ ދައުރު ފުޅާކޮށް, އެ ފަރާތްތަކަށް އެފަދަ ސައިޓުތަކުގެ މަސްއޫލުވެރި ފަރާތްތަކުގެ މައުލޫމާތު ލިބުން ލާޒިމު ކުރުމެވެ. މިސާލަށް އެއީ މީޑިއާ ކައުންސިލް ކަމަށް ވާނަމަ އެފަރާތަކަށް އެމައުލޫމާތެއް އެނގިފައި އޮތުމުން, އެ ކައުންސިލުން ހުޅުވާލައި ތަމްރީނު ޕްރޮގްރާމުތަކާއި އެނޫންވެސް ފަސޭހަތައް އެފަރާތްތަކަށް ވެސް ފޯރުކޮށްދެވޭނެއެވެ. އެއީ ރެގިއުލޭޓު ކުރުމުގެ ބޭނުމަށް އެކަން ކުރަންވެސް ޖެހޭނެ ގޮތެކެވެ.
ރަޖިސްޓްރީ ނުކުރާތީ, ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާ އަކަށް ލިބޭ ހުރިހާ ފުރުސަތެއް އެފަރާތަކަށް ނުލިބުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާތީ އެމީހަކު ނުވަތަ އެފަރާތެއް މަހުރޫމް ކުރެވިގެންވެސް ނުވާނެއެވެ.
ރަޖިސްޓްރީ ނުކުރާތީ ސައިޓް ބްލޮކް ކުރުމަކީ ހައްލަކަށް ނުވާ އަނެއް ސަބަބަކީ, އެއް ސައިޓް ބްލޮކް ކުރާއިރަށް އަނެއް ސައިޓް ހެދުމުގެ ފުރުސަތު އެބަޔަކަށް އޮތުމާއި, ބްލޮކް ކުރުމުގެ ސިލްސިލާއަކީ ނިމުމެއް އޮތް ކަމަކަށް ނުވުމެވެ.
ތިން ވަނަ ކަމަކީ, ބްލޮކް ކުރުމުން އެކަން ކުރާ ފަރާތަށް [ސަރުކާރަށް] ފާޑުކިޔުން އަމާޒު ވުމާއި, ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ ސަރުކާރުތަކުގެ ލިސްޓުގައި އެ ސަރުކާރެއް ހިމެނިގެން ދިޔުމެވެ. އެއީ އެތެރެއާއި ބޭރުން އެކަމުގައި ސަރުކާރަށް އަބަދާއި އަބަދު ޕްރެޝަރު އަންނާނެ ކަމަކަށްވެސް ވާނެއެވެ. ބައިނަލްއަގުވާމީ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި ސަރުކާރުތަކުންވެސް އެވާހަކަ ދައްކާނެއެވެ.
އެހެން ކަމުން, ބްލޮކް ކުރުމުގެ ބަދަލުގައި ކުރަން ޖެހޭ ކަމަކީ, ހަރުދަނާ އުސޫލުތަކެއް ހެދުމެވެ. ރަޖިސްޓާ ކޮށްގެން ވިޔަސް ނުކޮށް ވިޔަސް, ރާއްޖޭގެ ޓެރިޓޮރީ [ސަރަހައްދަށް] ފެންނަ ސައިޓެއް ކަމަށް ވާނަމަ އެ ސައިޓުގެ ވެރިފަރާތް ދެނެގަތުމެވެ. އަދި އެފަރާތަކީ ދަފްތަރު ކުރެވޭ މީހަކަށް ހެދުމެވެ. ސައިޓް ރަޖިސްޓްރީ ކުރުމެއްވެސް އަދި ބްކޮލް ކުރުމެއްވެސް އޭރަކުން ލާޒިމެއް ނުވާނެއެވެ.
ފުރުސަތު ނުގެއްލެނީސް އަވަހަށް މިސަރުކާރު އަޒުލުކުރަންވީ. ޕާޓީގެ އެންމެ ބޮޑުމީހާއަށް ދޯކާދިން ބަޔަކު ރައްޔިތުންނަށް ދޭ ބޮނޑި އަދި މާބޮޑުވާނެ. ދެފުއް ފެންނާނެޔޭ ކިޔާފަ އައި މީހާ މިހާރު އެދަނީ ޤައުމުގެ ހުރިހާ ބިން ރައްޔިތުންނަށް އެނގުމަކާއި ނުލައި ވިއްކާ ހުސްކުރަމުން.