ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރުމަށްޓަކައި ދެ މުއައްސަސާއެއް މިހާރު އެބައޮތެވެ. އެއީ ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނެވެ. މިގޮތުން ރާއްޖޭގެ ނޫސް މަޖައްލާތައް ރެގިއުލޭޓްކުރުމުގެ އެންމެހާ ބާރުތައް މީޑިއާ ކައުންސިލަށް ދީފައި އޮންނައިރު، ބްރޯޑްކާސްޓްކުރާ މީޑިއާތައް ރެގިއުލޭޓްކުރުމުގެ އެންމެހާ ބާރުތައް އޮންނަނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

މި ދެ މުއައްސަސާގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަން ކުރައްވާ ހަމައެކަނި މުއައްސަސާއަކީ ބްރޯޑްކާސްޓިން ކޮމިޝަނެވެ. މީޑިއާ ކައުންސިލްގެ އޮނިގަނޑު މިހާރު އޮންނަ ގޮތުން ނަމަ އެ ކޮމިޝަންގައި ތިބެނީ އާންމުންގެ ފަރާތުން އިންތިހާބުކުރެވޭ 7 މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރެވޭ 8 މެންބަރުންނާ އެކު ޖުމްލަ 15 މެންބަރުންނެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެންބަރު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ، ދެ މުއައްސަސާ އެއްކޮށްލައި އެއް މުއައްސަސާ އަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ މިހާރު މި އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވި، ބަދަލުގައި ދެން އޮންނާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި މުސްތަގިއްލު އެއް މުއައްސަސާއެވެ. ހަންނާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައިވާ ގޮތުން މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ:

  • މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮޮމިޝަންގެ އެންމެހާ މަސްއޫލިއްޔަތުތައް އާ ކޮމިޝަނާ މަތިވާނެ
  • މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވި، ދެ މުއައްސަސާގެ އެންމެހާ ވަސީލަތްތަކާއި މުވައްޒަފުން އާ ކޮމިޝަންގެ ދަށަށް ބަދަލުވާނެ
  • އާ ކޮމިޝަން އެކުލެވިގެން ވާނީ ހަތް މެންބަރުންގެ މައްޗަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުން
  • ކޮމިޝަންގެ ވެރިން އައްޔަންކުރުމުގެ ބާރު ވެސް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަތްމަތީގައި

މި ބިލުގައި އާ ކޮމިޝަނާއި ނޫސްވެރިންނާއި މީޑިއާތަކުން އަމަލުކުރަން ޖެހޭ ހަމަތައް ވެސް ކަނޑައަޅައި، މައުލޫމާތު ހާމަކުރުމާއި ބްރޯޑްކާސްޓަރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި މީޑިއާތައް ރަޖިސްޓްރީކުރާނެ ގޮތްތައް ވެސް ކަނޑައަޅާފައި ވެއެވެ.

ހަންނާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަންގައި ތިބެނީ މަޖިލީހުން ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ. މީގެ އިތުރުން ކޮމިޝަންގެ ވެރިން ކަނޑައެޅުމުގެ ބާރު ވެސް ލިބިދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ކަން، މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ހަމަ އެއާއެކު މީޑިއާތަކުގެ ޝަކުވާ ހުށަހަޅާނެ ގޮތްތަކާއި ކޮމިޝަނުން ޝަކުވާތައް ބަލައި ތަހްގީގު ކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ. އަދި މީޑިއާތަކަށް އެޅޭނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައި ވެއެވެ. އެ ބިލުގައިވާ ގޮތުން، މީޑިއާތަކުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ 5،000ރ އާއި 50،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ސުލޫކީ މިންގަނޑުތަކާ ހިލާފުވާ ނޫސްވެރިޔަކު 5،000ރ އާއި 10،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އާ ކޮމިޝަނަށް ލިބިދެއެވެ.

މި ބިލާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެ، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށާއި، މީޑިއާތައް އަމިއްލައަށް ރެގިއުލޭޓްކުރުމަށް އޮތް ބާރު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާގެ ތެރެއަށް ވަދެ، މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ދާނެ ކަމަށެވެ.

"މި ޖަމިއްޔާއިން އަބަދުވެސް ގަބޫލު ކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ މީޑިއާތަކަށް އަމިއްލައަށް އެކަން ކުރާ ގޮތް ނުވަތަ ސެލްފް ރެގިއުލޭޓްރީ މެކޭނިޒަމްއަކަށް ބުރަވާ ގޮތަށްކަމެވެ، އެއީ، މީޑިއާގެ މައިގަނޑު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ބާރުވެރިންގެ މައްޗަށް ފާރަވެރިވެ އެ މީހުން ޒިންމާދާރުކުރުމެވެ،" އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

މި ބިލާ ގުޅޭގޮތުން ސުވާލުކުރުމުން މީޑިއާ ކައުންސިލްގެ ބައެއް މެންބަރުންނާއި ބައެއް މީޑިއާތަކުގެ އެޑިޓަރުން ވެސް ދެ ކޮމިޝަން އެއްކޮށްލުމަށް ތާއީދު ކުރެއެވެ. އަދި މީގެ ކުރީ ސަރުކާރުތަކުގައި ވެސް އެފަދަ ވާހަކަތައް ދެކެވުނެވެ. ނަމަވެސް އާ ކޮމިޝަނަށް މެންބަރުންނާއި ކޮމިޝަންގެ ވެރިން އައްޔަން ކުރާނެ ގޮތް ބިލުގައި ބަޔާންކޮށްފައި އޮތް ގޮތާ މެދު މީޑިއާ ކައުންސިލްގެ މެންބަރުންނާއި ބައެއް ނޫސްވެރިންނާއި މީޑިއާތަކުގެ އެޑިޓަރުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

"ހުރިހާ މިނިވަންކަމެއް ގެއްލިފަ އޭރު ވެރިކަމުގަ ތިބޭ މީހަކު ސަރުކާރުގެ ބާރު އޮންނަ ބަޔަކު ބޭނުންވާ ގޮތަކަށް މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އެދަނީ އެއިރެއްގަ އޮންނަ ސަރުކާރުގެ މައްޗަށް، މިނިވަން ނޫސްވެރިކަމެއް ނެތިދިއުމުގެ ފެށުމަކަށް ވާނެ މިކަހަލަ ބިލެއް ފާސްވެއްޖިއްޔާ،" ތަޖުރިބާކާރު ނޫސްވެރިޔާ އަދި 'ދައުރު' ނޫހުގެ ޗީފް އެޑިޓަރު މޫސާ ލަތީފް ވިދާޅުވިއެވެ.

'ސަން'ގެ މެނޭޖިން އެޑިޓަރު އަހްމަދު ސާއިލް އަލީ ވިދާޅުވީ، މީގެ ކުރިން ވެސް ސަރުކާރުގެ ކޮންޓްރޯލް އޮތް ބްރޯޑްކާސްޓިން ކޮމިޝަނަކުން މީޑިއާތަކަށް ފިޔަވަޅު އެޅި މަންޒަރު ފެނިފައިވާ ކަމަށާއި، ސަރުކާރަށް ނޫސްވެރިކަން ކޮންޓްރޯލް ކުރެވޭ ގޮތަށް އޮންނަ އޮތުން ރަނގަޅު ނޫން ކަމަށެވެ.

"އޭގެ ބަދަލުގަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އޮންނަން ވާނީ މީޑިއާތަކުގެ ތެރެއިން އިންތިހާބުކުރާ ފަރާތްތަކަށް މެޖޯރިޓީ ލިބޭ ގޮތަށް،"
ސާއިލް

އެއާއެކު ވެސް ސާއިލް ހުށަހެޅުއްވި ހިޔާލަކީ ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާހުރި، އަދި ނޫސްވެރިކަން މެދުކެނޑުމެއް ނެތި ކުރަމުންދާ ފަރާތްތަކަށް އާ ކޮމިޝަނުން ފުރުސަތު ދިނުމަށެވެ.

ރާއްޖޭގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތްކުރި ނޫސްވެރިޔަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނީ، ސަރުކާރުގެ މެޖޯރިޓީ އޮތުމުގެ ބަދަލުގައި އާ ކޮމިޝަންގައި އެކި ދާއިރާތަކުން މީހުން ތިބުން ރަނގަޅު ކަމަށެވެ. އެގޮތުން ބްރޯޑްކާސްޓިން މީޑިއާ އާއި އޮންލައިން މީޑިއާ އާއި ގާނޫނީ ދާއިރާ ފަދަ ދާއިރާތަކުން އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރަން ފެންނަ ކަމަށް އޭނާ ހުށަހެޅިއެވެ.

ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމިއްޔާ އެއް ކަމަށްވާ 'ރިޕޯޓާސް ވިތްއައުޓް ބޯޑާސް' ނުވަތަ އާރްއެސްއެފުން އަހަރަކު އެއްފަހަރު ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސް އިން ދައްކާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ރާއްޖެ 34 ދަރަޖަ ސޮއްސާލާފައި ވެއެވެ.

އެ ޖަމިއްޔާގެ ޕްރެސް ފްރީޑަމް އިންޑެކްސް އިން ދައްކާ ގޮތުގައި، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި އެންމެ ބޮޑު ވެއްޓުމެއް އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެގޮތުން 2012 ވަނަ އަހަރު ރާއްޖެ ޕްރެސް ފްރީޑަމް އިންޑެކްސްގެ 73 ވަނައިގައި އޮތުމަށް ފަހު، ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި 47 ދަރަޖަ ސޮއްސާލާފައި ވެއެވެ. ޔާމީންގެ ވެރިކަމުގައި ނޫސްވެރިންނާ ދެކޮޅަށް ހިނގި ބައެއް ކަންކަމަށް ބަލާލާއިރު:

  • ރާއްޖެޓީވީ ހިންގަމުން ދިޔަ އިމާރާތުގައި ރޯކޮށްލުން
  • ރާއްޖެޓީވީން ލިޔުނު ރިޕޯޓަކާ ގުޅިގެން އެ ސްޓޭޝަނަށް ދައުވާކުރުން
  • 'ހަވީރު' އާއި 'ސީއެންއެމް'ގައި ތަޅުއަޅުވައި 'އައްޑޫލައިވް' އަށް ނުވަދެވޭ ގޮތް ހަދައި ނޫސްތައް ހިންގައި، ހަބަރާއި މައުލޫމާތު ފެތުރުމަށް ހުރަސް އެޅުން
  • ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރި 16 ނޫސްވެރިއަކު ހައްޔަރުކުރުން
  • ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުން

ޔާމީންގެ ފަހުން ވެރިކަން ކުރެއްވި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް 48 ދަރަޖައިގެ ކުރިއެރުމެއް އައެވެ. ނަމަވެސް މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުވާ ގޮތަށް 2022 ވަނަ އަހަރު އޭރުގެ ސަރުކާރުން ހެއްކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއި، ބައެއް މައުލޫމާތުތައް ލިބުމުގައި ދަތިތައް ކުރިމަތިވުން ފަދަ ކަންކަމުގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 100 ވަނައިގައެވެ.

މި އަހަރު ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 106 ވަނައިގައެވެ.

ފާހަގަކޮށްލެވޭ ކަމަކަށް އަލިއަޅުވާލާ އިރު، ސަރުކާރަށް ފާޑުކިޔަމުންދިޔަ ދެ ސައިޓެއް ބްލޮކްކުރުމަށް ފަހު، ކުރިމަތިވީ ފާޑުކިއުންތަކާ އެކު އެ ދެ ސައިޓްވެސް ފަހުން ވަނީ އަންބްލޮކް ކޮށްފައެވެ. އަދި މި މައްސަލައިގައި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެއެވެ.

މީޑިއާތަކުން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު 'އެކްސް' ގައި އިއްޔެ ވިދާޅުވީ، އިސްލާމްދީނާއި ގާނޫނުއަސާސީ އާ ހިލާފުނުވާ ހާ ހިނދަކު ކޮންމެ ދިވެއްސަކަށް ވެސް މިނިވަންކަމާ އެކު ބޭނުން ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

"ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމަޔެއްނޫން،" އެމަނިކުފާނު ލިޔުއްވާފައި ވެއެވެ.

ކަން މިހެން އޮތް އިރު، އާ ކޮމިޝަނެއް އުފައްދައި، އޭގެ މެޖޯރިޓީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުންނަށް ދީ، އަދި އެ ކޮމިޝަންގެ ވެރިން އައްޔަންކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަކީ މީޑިއާތަކަށް ނުފޫޒު ފޯރުވުން ނޫން ކަމަކަށް ނުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވެރިންތަކެއް މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނެއްގައި ތިބުމުގެ ނަތީޖާއަކަށް ވާނީ ސަރުކާރުން ބޭނުންވާ ގޮތަކަށް މައުލޫމާތު ފެތުރުމަށާއި، މައުލޫމާތުތައް ހާމަކުރުމަށް މީޑިއާތަކަށް އޮތް ފުރުސަތުތައް ހަނިވެ، ސަރުކާރުން މީޑިއާތަކަށް އަތް ބޭނުމަށް މަގުފަހިވެގެން ދިއުމެވެ.

ހެއްކާ ބެހޭ ގާނޫނުގައި އޮތް މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ބައި އުވާލަން ނޫސްވެރިން ކުރި ވަކާލާތާ ދެކޮޅަށް މިހާރު އޮތް މަޖިލީހުން ބޮލާލައި ޖަހައި ކޮމިޓީއަށް ގެންދިޔަ ގޮތަށް އެތާ އެ އިސްލާހު ބާއްވާފައި އޮއްވާ، މީޑިއާގެ މިނިވަންކަން 'ކަފުންވާގޮތަށް' އާ ބިލެއް ހުށަހެޅުމަކީ އެހެން ނޫސްވެރިންނެކޭ އެއްގޮތަށް އަޅުގަނޑުގެ ވެސް އޮތް ކަންބޮޑުވުމެކެވެ.

މިނިވަން ކޮމިޝަނެއްގެ ބަލުމުގެ ދަށުން ހިނގަމުން ދިޔަ ޕަބްލިކް ސާވިސް މީޑިއާ، ޔާމީންގެ ވެރިކަމުގައި ހެދި އާ 'ޕަބްލިކް ސާވިސް އެކްޓް'ގެ ދަށުން ސަރުކާރުގެ ކޮންޓްރޯލަށް ނެގުމުގެ ސަބަބުން އެތަނުގެ މިނިވަންކަން ގެއްލިފައި ވާއިރު، މިނިވަން ނޫސްވެރިކަން ހަނިވާނެ އެއްވެސް ކަމަކަށް ނޫސްވެރިންގެ ތާއީދެއް ނެތެވެ.

ހަންނާނު ވިޔަސް އަދި އެހެން ބޭފުޅަކު ވިޔަސް، ކުރައްވާ ކަންކަން އާންމު ރައްޔިތުންނާ ހަމައަށް މިނިވަން ކަމާއި އިންސާފާއެކު ގެންނަން ތިބެނީ ނޫސްވެރިން ކަމަށް ވާއިރު، އެ ފުރުސަތު ގެއްލުވާލުމަކީ ރައްޔިތުންނަށް ޖަވާބުދާރީ ނުވެ ފިލަން އެ ބޭފުޅުން އުޅުއްވާކަމަށް ބެލުމުގެ ޖާގަވެސް އެބައޮތެވެ. އެހެން ކަމުން ހަންނާނުގެ ބިލު ވަގުތުން ގެންދިޔުމަށް ގޮވާލަމެވެ.