1965 ގެ ކުރި ދެކެ އަތުން ހިފާފައި ތިބި ދިވެހީންގެ ސިކުނޑީގައި ހިގަނމުންދިޔަ ހިޔާލުތައް ގިނަކަން އޭރުގެ ފަތްފުތްތައް ކިޔާލުމުން އެނގެއެވެ.
'ހިމާތަތުގެ' އެއްބަސްވުމެއްގެ ނަމުގައި ދިވެހިން ބޮލަށް ސަވާރުވެ ކައިރީގައި އޮތް ލަންކާގައި ހިނގަމުން ދިޔަ އިނގިރޭސި ސަރުކާރަށް ދިވެހިން ލައްވާ 'ޖިޒީ' ދައްކަމުން ދިޔަ ޖިޒީ އާއި ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އޭރު ސިލޯނުގައި ތިބި ވެރިން ވިސްނަމުން ގެންދިޔަ ގޮތް ފެންނާން އެބައޮތެވެ.
ޖިޒީގެ އެ ދަންތުރައިގައި ދިވެހިން ވަނިކޮށް, އެކަން ބަދަލު ކޮށްލެއްވި ފިކުރައިގެން ވަޑައިގަތީ ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންއެވެ. ލަންކާއަށް ދައްކަމުން ދިޔަ ޖިޒީ ނުވަތަ ކުރަމުން ދިޔަ ވެދުން, އެމަނިކުފާނުގެ ހިކުމަތު އަމަލީގެ ދަށުން ކަނޑުއްވާލެއްވިއެވެ. އެކަން ހިނގާފައި ވަނީ 1948 ގައެވެ.
މިއީ ސިލޯނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވިކަން ސިލޯނަށް މިނިވަން ލިބި ދެން އައި ސަރުކާރުގެ ވިސްނުން ހުރިގޮތުންވެސް ފެންނަން އެބައޮތެވެ. ރާއްޖޭގެ ސިޔާދަތީ ބާރު ހޯދަން އެމީހުން ބޭނުންވިކަން ތާރީހުން އެނގެއެވެ.
1965 ހާއްސަވާ ގިނަ ސަބަބުތަކަށް ބަލާއިރު, އެންމެ މުހިންމު އެއް ކަމަކީ އަމީން ދީދީއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އިބްރާހިމް ނާސީރުގެ ވިސްނުންފުޅާއެކު ރާއްޖެއަށް ފުރިހަމަ މިނިވަން ލިބުމެވެ. 1948 ގައި އިނގިރޭސީންނާ އެކު އާ ކުރި އެއްބަސްވުމާއެކު އިނގިރޭސީންނަށް ދައްކަން ދިޔަ ޖިޒީ ކަނޑުއްވާލައްވައި މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދުނިޔޭގެ ސަފަށް ނެރުއްވި ހާދިސާ ހިނގި އަހަރަކީވެސް 1965 އެވެ.
ޖުލައި 26, 1965 ގައި މިނިވަން ލިބުނުތާ 1 މަސް ތެރޭގައި އދ ގެ މެންބަރަކަށް ވުމަށް ދިވެހިރާއްޖެ ނިކުތެވެ. އެ ހުށަހެޅުމަށް އދ މަޖިލީހުގައި ބަހުސް ކޮށް ރާއްޖެއަށް މެންބަރުކަން ދޭން ފާސްކޮށްފައި ވަނީ ސެޕްޓެމްބަރު 21, 1965 ގައެވެ.
59 އަހަރުގެ މިނިވަންކަން
ރާއްޖެ މިނިވަންވިތާ 59 އަހަރު ފުރިގެން ދިޔައިރު މިއަދު ދިވެހީން ތިބީ ފުރިހަމަ މިނިވަންކމުގައިތޯ މިއީ އުފައްދަންޖެހޭ ސުވާލެކެވެ. ރާއްޖެ މިނިވަންކަމަށް ކުރި ދަތުރުގެ ތާރީހުގެ ތެރޭގައި ރާއްޖެ އޮތް ގޮތާއި, ރާއްޖޭގެ ހާލަތާއި ރާއްޖޭގެ ބާޒާރު އޭރު ކޮންޓްރޯލް ކުރަމުން ދިޔަ މީހުންގެ ހާދިސާތަކުން މިއަދު އިބްރަތް ލިބިގަންނަން ޖެހެއެވެ.
ރާއްޖެއަށް މިނިވަން ލިބުމުގެ ކުރިން ޖިޒީ ދައްކާ އަދި އިނގިރޭސީންގެ 'އަޅުވެތިކަމަށް' ރާއްޖެ ދާން މެދުވެރިވި އެއް ސަބަބު ކަމަށްވާ ދިވެހި ބާޒާރުތަކުގައި ވަކި ހިތްޕާލައިގެން ތިބީ ވޯރާ ވިޔަފާރިވެރިންނެވެ. އެމީހުން ދިވެހި ބާޒާރުތަށް މުދާ އެތެރެކޮށް އަދި މުދާ އުފައްދާ ވިއްކަމުން ގެންދިޔައީ މިއަދު ދިވެހި ބާޒާރުތަކުގެ ކޮންޓްރޯލް ބަންގްލަދޭޝްގެ ރައްޔިތުން [ބަންގާޅީން] ގެ އަތްމައްޗަށް ގޮސްފައި އޮތް ގޮތަށެވެ.
މިއަދު ތަރުކާރީ އާއި މޭވާ އަދި ލުއި ކާނާގެ ހުރިހާ ބާވަތެއްހެން ކޮންޓްރޯލް ކުރާ އެއްބަޔަކީ ބަންގާޅީންނެވެ. ރާއްޖެއަށް މުދާ އެތެރެ ކުރުމުގެ އިތުރުން, ރާއްޖޭގެ ދަނޑުބިންތަކުގެ ކޮންޓްރޯލާއި, ކުދި އަދި މެދުފަންތީގެ ފިހާރަތަކުގެ އިތުރުން ބޮޑެތި މާޓުތަކާއި ކޮންސްޓްރަކުޝަން ދާއިރާގެ ބޮޑެތި މަސައްކަތްތައް ނަގާ ހިންގާ, އޭގެ މަންފާ ހޯދާ ބަޔަކީވެސް އެމީހުންނެވެ.
ރާއްޖޭގައި އެކިއެކި ފަންތީގައި މަސައްކަތް ކޮށް އެމީހުންނަށް ލިބޭ އާމްދަނީ, އެމެރިކާ ޑޮލަރުން ބޭރަށް ފޮނުވަމުން ގެންދާ ބޭރު މީހުންނާއި މި ބަންގާޅީންގެ ދައުރު ތަފާތެވެ. މިސާލަކަށް ރާއްޖޭގައި ވަޒީފާ އަދާ ކުރާ އިންޑިއާގެ ރައްޔިތުން މުސާރައާއި އިނާޔަތުގެ ގޮތުގައި އަހަރަކު 33 މިލިއަން އެމެރިކާ ޑޮލަރު ގައުމަށް ފޮނުވާއިރު މުދާ އެތެރެކޮށް އަދި އުފައްދާ ހެދުމުގައި އެމީހުންގެ މީހުންގެ ބައިވެރިވުން ކުޑައެވެ. ހަމައެގޮތަށް ޔޫރަޕްގެ މަސައްކަތްތެރިން މި ރާއްޖޭގައި ވަޒީފާ އަދާކުރިއެއް ކަމަކު އެމީހުންނަކީ މުދާ އެތެރެކޮށް އަދި އުފެއްދުމުގައި އުޅޭ ބައެއް ނޫނެވެ.
މިއަދުގެ ދިވެހީންގެ ކަންނެތްކަމާއި މަސްތުގެ ވަބާގައި ޖެހި ހަލާކުވެގެން ގޮސްފައި ވުމުގެ ނާޒާއިޒު ފައިދާގައި ބަންގާޅީން އަދާ ކުރާ ދައުރަކީ ދިވެހި ދަރީން އަދާ ކުރަންޖެހޭ ދައުރެއް ނަމަވެސް މި ފަސްގަނޑުގެ މުއްސަނދިކަމާއި އެ މުއްސަނދިކަމުން ހޯދަން ޖެހޭ ނަފާ ބަންގާޅީންގެ އަތްމައްޗަށް ފުރޮޅިގެން ގޮސްފައި ވާ ދައުރެކެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން މިނިވަންކަން އިއާދަ ކުރަން ފެށުން
ރާއްޔިތުންގެ ފުރިހަމަ ތާއީދާއެކު މިއަދު އުފެދިފައި އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަންގާޅީންގެ 'އުނދަގޫތަކުން ސަލާމާތް ވުމަށް' ފަށާފައިވާ މުހިންމު މަސައްކަތަކީ މީގެ ކުރިން އިބްރާހިމް ނާސިރު ވޯރާއިން ފޮނުވާލެއްވުމަށް ކުރެއްވި މަސައްކަތް ފަދަ މުހިންމު މަސައްކަތެއް ކަމުގައި ދަންނަވަން ޖެހެއެވެ.
އޭރު ނާސިރު ގެންގުޅުއްވި ވިސްނުންފުޅަކީ, ލައިސަންސް ނެތި ރާއްޖޭގައި ތިބި ވޯރާއިން ފޮނުވާލެއްވުމުގެ އިތުރުން ލައިސަންސް އޮތަސް ސަރުކާރުން ކަނޑައަޅާ މިންވަރަކަށް މުދާ އެތެރެ ނުކުރާ ވޯރާއިން ފޮނުވާލެއްވުމުގެ ވިސްނުންފުޅެކެވެ. އަދި އެމަސައްކަތަށް ގާނޫނީ ބާރުވެރިކަން ހޯއްދަވާ 6 މަސްތެރޭ ވޯރާއިން ބޭރު ކޮށްލެއްވުމުގެ ވިސްނުން އޭރު ސަރުކާރު ތެރޭގައި ގެނައެވެ.
މިއަދު ސަރުކާރުން ފަށާފައި ވާ މަސައްކަތަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދާ ފިޔަވަޅުއެޅުމެވެ. ރާއްޖެއިން ފޮނުވާލުމެވެ. އުނދަގޫ އެހެން ނަމަވެސް ކުރަން ލަސްވެފައި އޮތް މި މަސައްކަތް ފެށިގެން ދިޔުމަކީ, ދިވެހިންގެ މިނިވަންކަން އަލުން އިއާދަވުމުގެ ފެށުން ކަމުގައި އަހުރެން ދެކެވެ.
އޭރު ވޯރާއިން އަދި މިހާރު ބަންގާޅީން ކުރާ ގިނަ ވިޔަފާރިއަކީ ކޮންމެވެސް ދިވެއްސެއްގެ ނިވަލުގައި ފޮރުވި ހުރެ ކުރާ ވިޔަފާރިއެއްކަން އެނގި ތިބެ މެ ވިސްނުންތެރިކަމާއެކު ކުރަމުން ދާކަމީ ވެސް ހެޔޮ ފާލެކެވެ.
ދިވެހިން މިނިވަންކަންމަތީ ދެމިތިބެން ބޭނުންނަމަ ދިވެހި ބާޒާރުތަކުން ބަންގާޅީން 'ފައްސާލަން' ޖެހެއެވެ. ގަވައިދާ ހިލާފަށް އުޅޭ އެންމެން ފޮނުވާލައި ގަވައިދާ އެއްގޮތަށް ވިޔަސް މިނަކާއި އަދި އިމެއް އޮވެގެން ނޫނީ ދިވެހި ބާޒާރުތަކުގައި ހަރަކާތްތެރި ނުވެނޭނެ ގޮތް ހެދުމަކީ މިނިވަންކަން އިއާދަކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެމީހުންގެ ފުށުން މަންފާތަކެއް ވާ ފިލާ ތިބި ދިވެހީންނަށް ވެސް ފިޔަވަޅު އަޅާ, އިމުގެ ތެރެއަށް ގެނެސް ހަމައަކަށް އަޅުވަން ޖެހެއެވެ. ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން ޖެހެއެވެ. ފައިސާ ނުދައްކާ 'ކަރުދާސް ކުންފުނި' ތަކާއި އަދި ފިލައިގެން ތިބޭ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް ހަމައަކަށް އަޅުވަން ޖެހެއެވެ.
މިނިވަން ކަމާއެކު އާ ހިޔާލުތައް އުފަންކޮށް މިނިވަންކަންމަތީ މި ދައުލަތް ތާއަބަދަށް މެ ދަމަހައްޓަން ޖެހެއެވެ.