އެއް ސުރުހީ އަށް ވުރެ ގިނަ އެތައް ސުރުހީތަކެއް ލިޔެވެން އޮތް މައުޟޫއެކެވެ. ބިދޭސީންނާއި ތަންފީޒީ އިދާރާ ތަކާ ގުޅިފައި ހުރި މައްސަލަތަކުގެ ގިނަ ކަމާއި ސްކޭމް ހިންގާ ފަރާތްތަކާއި ތަންފީޒީ އިދާރާތަކާއި އަދުލުގެ ނިޒާމާ ގުޅިފައި އޮންނަލެއް ފުންކަމުންނެވެ. ހަމަ އެހެންމެ އެ ހުރިހާ ކަމެއް ގުޅިފައި ހުންނަ އިދާރާތަކުގެ ފަރުވާ ކުޑަކަމާއި ކަންނެތް ކަމުގެ ސަބަބުންނެވެ.
މި މައުޟޫގައި ލިޔަން ހުރި ވާހަކަތައް ގިނަ ނަމަވެސް މި ލިޔުމުގައި ނަޒަރު ހިންގާލަން ގަސްދުކުރަނީ އެންމެ ކަމަކަށެވެ.
އެއީ މިހާރު ވައިގައި ހިފައިގެން އުޅޭ 'ބުޅާ އަރަފާތު' ވާހަކަ އެވެ. އެއް ބަޔަކަށް އެއީ ފަކުރު ވާހަކަ އެކެވެ. އަނެއް ބަޔަކަށް އެއީ ހިތްދަތި ވާހަކަ އެކެވެ. އަނެއް ބަޔަކަށް ރުޅިވެރިކަމުގެ ވާހަކަ އަކަށް ވާއިރު އަނެއް ބަޔަކަށް އެއީ ސިއްރެއް 'ފަޅާ' ލުމެވެ.
މިއިން ކޮންމެ ހާލަތަކަށް އެކަން ފެތުނަސް، ގަވައިދާ ހިލާފަށް އެތައް ހާސް ބަންގާޅީން މި ރާއްޖޭގައި އުޅޭ ކަމާއި ކުދިކުދި ކޮތަރުކޮށި ފަދަ ތަންތާނގައި އެކަކު އަނެކެއްގެ ގައިމަތީގައިހެން އޮވެ ނިދާ ކައިބޮއެ ހަދާ ކަމާއި ސާފުތާހިރު ކަމެއް ނެތި މުޑުދާރު އެންމެހާ ކަންކަން އެތަންތާނގައި ކޮށް ކާބޯތަކެތި ތައްޔާރު ކޮށް އާންމުކޮށް ވިއްކާ ވާހަކަ އަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.
މޫސުމީ ވިއްސާރައެއްހެން ދޭތެރެއަކުން 'މާ ވަރެއް އަރުވާލާފައި' ޗެކް ކުރާ ވާހަކަ އިދާރާތަކުން ދައްކައެވެ. ދެތިން ދުވަހަކު ހައެއްކަ ގަނޑު ފޮޓޯ ނަގާ، ދެތިން ސުރުހީއެއް ހަދާލުމަށް ފަހު އެކަން ހިންދާލައެވެ. ކާކު ބުނެގެން ކަމެއް ނުވަތަ ކާކު ދޭ ހަދިޔާއެއް ލިބިގެން ކަމެއް ނޭނގެއެވެ.
ބިދޭސީންގެ އެ ވިޔަފާރިއަށް ހުއްޓުމެއް ނާންނަތާނގައި އެ މީހުނަށް އަމާޒުވާ ގޮތަށް 'ބަންގާޅީން' ކަމަށް ބުނެ މުހާތަބު ކުރިޔަސް ބައެއް ވެރިން ކޯފާވެއެވެ. އެފަދަ އެއްތަނަކީ އެޗްޕީއޭއެވެ. އެޗްޕީއޭ އަކީ، މިހާރު ދިމާވެގެން އުޅޭ 'ބުޅާ އަރަފާތު' ހާދިސާތައް ހިނގިޔަ ނުދޭން، ރައްޖިސްޓްރީ ކުރިޔަސް ނުކުރިޔަސް ކާބޯތަކެތި އުފައްދާ ތަންތަނުގައި ސާފުތާހިރުމަކެއް ނެތް ނަމަ އަދި ސިއްހީ މިންގަނޑަށް ނުފެތޭ ކާބޯތަކެތި ގެންގުޅޭނަމަ އެތަންތަން ބަންދު ކުރުމުގެ ބާރު އޮންނަ އިދާރާއެވެ.
އެ ޒިންމާ އެ އިދާރާގައި އޮވެ އަޅާނުލާ ތިބުމުގެ ނަތީޖާ އަކަށް ވީ ބުޅާ އަރަފާތު އުފަންވުމެވެ.
ދިވެހިން ކާބޮއެ ހަދާ ކާބޯތަކެއްޗާއި ބޭހަކީ އޭގެ ކޮލިޓީ ކޮންމެހެންވެސް ޔަގީންވާ ޖެހޭ ތަކެއްޗަށް ވާއިރު އެ ޒިންމާ އޮތް އެޗްޕީއޭގެ އިތުރުން އެމްއެފްޑީއޭ ގެ ހާލަކީވެސް އެއެވެ. ރާއްޖެ އެތެރެ ކުރާހާ ބޭހެއްގެ އެކްޕައިރީ ބެލުން ފަދަ ކަންކަމަށް އެ އިދާރާގައި ހުންނަނީ ހަމަ އެންމެ ސްޓާފެކެވެ. އެތައް ހާސް ބޭހެއް ރާއްޖެ އެތެރެކޮށް ވިއްކާ އިރު، ކޮންމެ ދުވަހަކުމެ އެތައް ސަތޭކަ ބޭހެއް ބަލައި ހަދަން ޖެހޭ އިރު އެކަމުގައި އެންމެ ސްޓާފެއް ބަހައްޓައިގެން މިއަދާ ހަމައަށް ވެސް ވެރިން ތިބީ ކީއްވެހެއްޔެވެ. މިންގަނަށް ނުފެތޭ ގޮތަށް ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ބަލައި އަޅާނެ ފިޔަވަޅު ނިންމަން ނުވަތަ ގޮތް ނިންމަން މިއަދާ ހަމައަށް ވެސް އެންމެ ވެރިއަކު ހުންނަނީ ކީއްވެހެއްޔެވެ.
ސައިހޮޓާތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި އުފައްދާ ކާބޯތަކެއްޗަށް ބޭނުން ކުރާ ތެޔޮގަނޑު ކައްކަ ކައްކާފައި ފުރާނައި ޓައްޕު ޓައްޕަށް އަޅާ އަލުން އެ ތެޔޮގަނޑު ބޭނުން ކުރާކަން އެނގޭއިރުވެސް 'ހައްޕު' ކިޔައިގެން ތިބެނީ ކީއްވެހެއްޔެވެ. މަސް މާރުކޭޓާއި އެނޫންވެސް މަސް ފެކްޓްރީތަކާއި އޮޑިދޯނިފަހަރުން އުކާލަން ކަމަށް ބުނެ ނަގާ މަހާއި، ހާ މަސް ހޮޓާ ރެސްޓޯރަންޓްތަކަށް ވިއްކާ، އަދި އެތަކެތި އެފަދަ ބައެއް ތަންތަނުން ގަނެ ކާބޯތަކެތި ހަދާ އާންމުންނަށް ވިއްކާކަން އެނގޭ އިރުވެސް 'ކަނުބަނދެގެން' ތިބެނީ ކީއްވެހެއްޔެވެ.
އަމުދުން ހުއްދައެއް ނެތި ގޭގޭގެ ފުއްޑަނުގައާއި ފާހާނާގެ ތެރޭގައި ކައްކާ، ތެލުލައި ޕެކް ކޮށް އަދި ލޭބަލް ޖަހައިގެންނާއި ނުޖަހާ އެތައް ކާބޯތަކެއްޗެއް ވިއްކައޭ ވިއްކައޭ އާންމުން ކިޔާ އިރު 'ބީރުވެފައި' ތިބެނީ ކީއްވެހެއްޔެވެ.
މިއަދު ބުޅާ އަރަފާތެއްގެ ވާހަކަ ބޮޑުވެގެން ފުލުހުން ހިމެނޭހެން އެހެން އިދާރާތަކަށް މީގެ ކުރިން ހުށަހެޅި ކަމަށް އަވައްޓެރިން ބުނެފައިވާ އިރު އެއިން ކޮންމެ ފަހަރެއްގައި އިދާރާތަކުން އެކަން ދޫކޮށްލީ ކަމަކަށް ނުހަދައެވެ. އޭރުވެސް އެބުނާ އަރަފާތެއްގެ ގޮނޑު ބަދިގެގަނޑު އޮތީ ކުނިވެ އެކްސްޕަޔާ ވެފައި ހުރި ތަކެތިން ފުރިފައެވެ. ބުޅާ ގޮވާ އަޑާއި ރޯއަޑުގެ އިތުރުން ބުޅާވެސް ފެނިފައި ވެއެވެ.
ގާނޫނުން ޒިންމާ މަތިކޮށްފައި އޮންނަ އިދާރާތަކަށް އޮންނަ ޒިންމާ އަކީ ދެފޮޅުވަތް ދޭތެރެއިން ދާގޮތަށް އޮންނަ ޒިންމާއެއްހެއްޔެވެ. އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ގޮތަށް އަދި މުޑުދާރުކޮށް ކާބޯތަކެތި އުފައްދަމުން ގެންދިޔަ ތަނެއްކަން އެނގޭ އިރުވެސް ފުލުހުން އެކަން ނުހުއްޓުވީ ކީއްވެހެއްޔެވެ. ޒިންމާ އޮންނަނީ ބިދޭސީގެ ނުވަތަ ބަންގާޅީގެ އުނގުގައިހެއްޔެވެ.
އަނގައިން ބުނެ ވަގުތުން ފިޔަވަޅު އަޅަން ނުކެރެނީ އެމީހުންގެ ފަރާތުން ހަދިޔާ ލިބޭތީތޯ ނުވަތަ ކަނުވެފައި ބީރުވުމުގެ އިތުރުން މަންމަނުވެގެންތޯ ސާފުކުރަން ޖެހެއެވެ.
ތިޔަ ފުޑްއެންޑް ޑްރަގް އޮތޯރިޓީއަކީ ވާވެފައި އޮންނަ ތަނެއް، މިހާލަތަށް ކާބޯތަކެތި ތައްޔާރު ކުރާއިރުވެސް ނިދާފަ ތިބުމަކީ ތިތާގައި ހަމައެއްލަމައެއް ނެތްކަމުގެ މިސާލެއް، ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ފޮޓޯކޮޕީ ކަރުދާސްވެސް ހިދްމަތް ހޯދާމީހާ ހިފައިގެން އަންނަން ޖެހޭތަނެއްގެ ވާހަކަ މި ދައްކަނީ.....