ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް" ގެ ދަށުން މާލޭގެ ރަށްވެހިންނަށް ދިން ގޯތީގެ ތެރެއިން އާބަންކޯގެ އިހްތިސާސްގައި ހިމެނޭ ބިންތަކުން ދީފައިވާ ގޯތީގެ ބަދަލުގައި ދެ ފަޅާއި 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީން އެއްބަސްވެފައިވާ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީ ކުރަން ފަށާފައިވާ 'ރަސް މާލެ' މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ފަޒުލް ވިދާޅުވީ އެ ބިންތަކުގެ ބަދަލު ހޯދުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ދެ ފަޅުގެ އިތުރުން 7.9 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައިވާ ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.

"ދެ ލެގޫނެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެއްވާފައި އެބަ އޮތް. އެއީ އެއްބައި. އޭގެ އިތުރުން 7.7-7.9 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދަން ސަރުކާރާއެކު ވާހަކަދެކެވެމުން އެބަދޭ އެ އަދަދު ދައްކާނެ ގޮތަކާ ގުޅޭ ގޮތުން،" ފަޒުލް ވިދާޅުވި އެވެ. އަދި އެ ދެ ފަޅަކީ ވެސް މާލެ އަތޮޅުގައި ހިމެނޭ ދެ ފަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން 18،948 މާލޭގެ ރައްޔިތުންނަށް ގޯތި ދޫ ކުރުމަށް ނިންމާ ދާއިމީ ލިސްޓް އާންމު ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު އެވެ. މި ސްކީމްގެ ދަށުން ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރާނެއެވެ. އަދި ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.