ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި އަންނަ މަހު 13 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އީސީގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޮފިޝަލަކަށްވުމަށް އެދޭ މީހާގެ ޝަރުތުތައް:

  • އުމުރުން 18 އަހަރު ފުރިފައިވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން.
  • މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލު މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

އީސީއިން ބުނީ އޮފިޝަލަކަށްވުމަށް އެދޭ މީހުން ހުށަހަޅަން ޖެހޭނީ ހާސިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީއާއި ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ކަމަށެވެ.

އޮފިޝަލުންގެ މަގާމުތަކާއި އުޖޫރަ:

  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1500 ރުފިޔާ
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ
  • ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000 ރުފިޔާ
  • ރިޒާވް އޮފިޝަލަކަށް 500 ރުފިޔާ

އީސީއިން ބުނީ ވޯޓުލާ ދުވަހުގެ ހެނދުނު ސައި އެ ކޮމިޝަނުން ހަމަޖައްސައިދޭނެ ކަމަށާއި މަސައްކަތްކުރާ ވަގުތަށް ބަލައި އެހެން ގަޑިތަކުގެ ކެއުމާއި ސަޔަށްވާ ފައިސާ މާލިއްޔަތު ގަވާއިދުގައިވާ ރޭޓުން ދޭނެ ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާގެ އެލެވެންސެއް ދޭން ހަމަޖެހިފައިވާ ކަމަށް އީސީއިން ބުނެއެވެ.

އީސީއިން ބުނީ އޮފިޝަލުންނަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ 7 ވަނަ ދުވަހު 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ ޕްރޮގްރާމް ފުރިހަމަ ނުކޮށްފިނަމަ ފުރުސަތު ނުދެވޭނެ ކަމަށް އީސީއިން ބުނެއެވެ. އެ ތަމްރީން ޕްރޮގްރާމަށް ޓްރޭނިން އެލެވަންސްގެ ގޮތުގައި 300 ރުފިޔާ ދޭނެ ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.

މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް އެ ފުރުސަތު އީސީއިން ހުޅުވާލާފައިވާއިރު އެ ކޮމިޝަނުން ބުނީ ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށެވެ.