1000 އަށްވުރެ ގިނަ ވޯކްޕާމިޓް ނެގުމަށްފަހު ކުންފުނިތައް އުވާލާފައިވެސް އެބަހުރި ކަމަށް ހޯމްލެންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ދާހިލީ ސަލާމަތާ ދޭތެރޭގައި ފަރުދީ ނަޒަރަކުން ވިސްނާލުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އިހުސާން ވިދާޅުވީ އެކްޓިވް ވޯކްޕާމިޓް ގޮތުގައި ވޯކްޕާމިޓްސްތަކެއް ނަގާ މީހުން އެތެރެކޮށް، އެ ހިސާބުން ކުންފުނިވެސް ބަންދުކޮށްފައި ވެސް އެބަހުރި ކަމަށާއި އެގޮތުން 1000 އަށްވުރެ ގިނަ އެކްޓިވް ވޯކްޕާމިޓްތައް ނަގާފައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ. އަދި އެއްވެސް ޒިންމާދާރުކަމެއް ނެތި މިގޮތަށް މުޖުތަމައުގެ ތެރެއަށް ބޭރު ގައުމެއްގެ ބަޔަކު އެތެރެކޮށް، ދޫކޮށްނުލުމަށް އިހުސާން އެދިވަޑައިގެންނެވިއެވެ.

އިހުސާން ވިދާޅުވީ މިނިސްޓްރީގެ ދަށަށް މިކަން ބަދަލުވެގެންދާއިރު މިކަން ބަލަމުންދާނީ ގައުމީ ސަލާމަތީ ނަޒަރަކުން ކަމަށާއި އެގޮތަށް ދެކޭއިރު އެކަން އެންފޯސްކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވަނީ ހެދިފައިވާ ގަވާއިދާއި އިންތަކުގެ ތެރެއިން ވަޒީފާގެ ބާޒާރަށް ގެންނަން ބޭނުންވާނެ މީހުން ގެނައުމުގެ ކަންކަން ކުރިއަށް ގެންދަން ނަސޭހަތްތެރިވެފައެވެ.

139،220 އެކްޓިވް ވޯކްޕާމިޓެއް ހިމެނޭއިރު ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ އަދަދަކީ 90،624 އެވެ.

ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ އޮޕަރޭޝަންތަކެއް ފަށާ ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް ވަނީ އިމިގްރޭޝަނުން ނިންމާފައެވެ.