އައްޑޫ ސިޓީގައި ދާދިފަހުން ހިނގި މާރާމާރީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީ ސަރުކާރުން ދޫކޮށްލި މީހުން ހިމެނޭ ކަމަށް ހޯމްލެންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ވިދާޅުވީ ޖަލުތަކުގައި ބަންދުކުރެވިފައި ތިބޭ މީހުން ކްލެމެންސީ ޕެރޯލް އަދި ގޭ ބަންދަށް އެކި ގޮތްގޮތަށް ބަދަލުކުރެވޭ ބަދަލުކުރެވުމަށް މިންގަނޑުތަކާއި އުސޫލުތައް އިތުރަށް ފުރަތަމަ ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އިހުސާން ފާހަގަކުރެއްވީ މި ސަރުކާރު ބަދަލުވުމާ ހިސާބަށް 434 ގައިދީން މުޖުތަމައު ތެރެއަށް މިގޮތަށް ދޫކޮށްފައިވުމެވެ. އަދި އެ ދޫކުރެވޭ ކޮންމެ ދޫކުރެވުމަކީ އޭގެން ނޭދެވޭ އަސަރެއް ކޮށްފައިވާނެ ކަންކަން ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ކޮންމެ މަހެއްގެ ކުށުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އެ ދޫކުރެވުނު މީހުން ދޫކުރެވިފައިވާ ގޮތާއި ގުޅޭގޮތަށް ބައެއް ކަހަލަ ކުށްތައް ގިނަވެފައިވާ ކަމަށާއި އޭގެ ތެރޭގައި ވައްކަމާއި ފޭރުންމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ.
އިހުސާން ވިދާޅުވީ އައްޑޫ ސިޓީގައި މިދޭތެރެއިން ހިނގާދިޔަ މާރާމާރީގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެ 434 މީހުންގެ ތެރެއިން ދޫކޮށްފައިވާ ދެ މީހަކު ހިމެނޭ ކަމަށެވެ.
ލޯ އިންފޯސްމަންޓުގެ އެޖެންސީތަކަށް ބޭނުންވާ އިތުރު ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމަށް އިހުސާން އިތުރަށް ވަނީ ވިދާޅުވެފައެވެ.
މި މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫގައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދީ 30 އަހަރުގެ ފިރިހެނެއް ޒަހަމް ކޮށްލާފައިވާ އިރު، އެ މައްސަލައާ ގުޅިގެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ. އެ 4 މީހުން ޝަރީއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ނެރެފައެވެ.
އޭގެ ފަހުން މި މަހުގެ 3 ވަނަ ދުވަހު ވެސް މާރާމާރިއެއް ހިންގައި 20 އަހަރުގެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 23 އަހަރުގެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ނެރެފައެވެ.
އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ދަށުން 11 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.