ހާއްސަ ޓާސްކް ފޯހުގެ މަސައްކަތުން މުޖުތަމައުގެ ތެރޭގައި ޖިނާއީ ކުށަށް އަރައިގަންނަ ބައެއް ބިދޭސީން ފޮނުވާލެވިފައިވާ ކަމަށް ހޯމްލެންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް ހުވާކުރުމަށްފަހު ހޯމްލޭންޑަށް ވަރަށް ސާފު ތިން އިރުޝާދެއް ދެއްވާ، މައިގަނޑު ތިން ޓާސްކްފޯސެއް އުފައްދަވަން އިޝާރަށް ކުރެއްވި ކަމަށެވެ.

އެ ހިސާބުން ޓާސްކްފޯސް އޮން އެރަރިރިކޭޓިން ޑްރަގްސްގެ ނަމުގައި މަސްތުވާތަކެތީގެ މައްސަލައަށް އަދި ހާއްސަކޮށް މަސްތުވާތަކެތި ސަޕްލައިއަށް ސަމާލުކަން ދީގެން ހިންގޭ އޮޕަރޭޝަންތައް ހިންގެވުމަށް ގުޅިފައިވާ އިންޓެލިޖެންސީ ޓާސްކްފޯސްއެއް ހެދިގެން މަސައްކަތް ހިނގަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ޓާސްކް ފޯސްގެ މަސައްކަތުން މިއަދާ ހަމައަށް 13 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގަނެވިފައިވާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ޓާސްކް ފޯސް އޮން އޮބޮލިޝިން އޯގަނައިޒް ކްރައިމްގެ ނަމުގައި އޯގަނައިޒް ކްރައިމަށް ހާއްސަކޮށްގެން ޓާސްކްފޯސްއެއް އުފައްދާފައިވާ ކަމަށާއި ޓާސްކް ފޯސް އޮން އިލީގަލް އެކްޕެކްޓް އޮޕަރޭޝަން ނަމުގައި ޓާސްފޯސްއެއް އުފައްދާފައިވާ ކަމަށެވެ.

ޓާސްކް ފޯސް އޮން އިލީގަލް އެކްޕެކްޓް އޮޕަރޭޝަން ނަމުގައި ހެދި ޓާސްފޯސްއިން ބިދޭސީންނަށް ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ޖިނާއީ ކުށަށް އަރައިގަންނަ ކަންކަމަށް އެޑްރެސްކުރުމަށްޓަކައި މަސައްކަތް ކުރައްވަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ޓާސްކްފޯސްގެ މަސައްކަތުން މިހާތަނށް 53 ބިދޭސީއަކު ހޯމްލެންޑް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ ތެރެއިން ބައެއް މީހުން ރާއްޖެއިން ބޭރަށް ފޮނުވާލެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ އޮޕަރޭޝަންތަކެއް ފަށާ ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް ވަނީ އިމިގްރޭޝަނުން ނިންމާފައެވެ.