ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރި "އަމާން ދޯދި" ފްލެޓްތަކުގެ ދެކޮޓަރީގެ އެޕާޓްމަންޓްތައް އާންމުންނަށް ބަލާލުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެފްޑީސީ އިން ބުނީ ބުކިން އުސޫލުން އާންމުންނަށް ބަލާލުމަށް ހުޅުވާލާފައިވާ މި ޔުނިޓްތައް، ބަލާލުމުގެ ފުރުސަތު ކޮންމެ ދުވަހަކު ވެސް މެންދުރު 2:00 އިން އިރުއޮއްސި 6:00 އާ ހަމަޔަށް ކުރިޔަށްދާނެ ކަމަށެވެ. މި ގޮތުން އެޕާޓްމަންޓްތައް ބަލާލުމަށް ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެފްޑީސީ އިން ވަނީ އެދިފައެވެ.

ންޑިއާގެ އެންބީސީސީއާ ހަވާލުކޮށްގެން އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" ޓަވަރުތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތުގެ ނަމޫނާ ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި ގޮތުން ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ 32 ޓަވަރުގެ ތެރެއިން، އެންބީސީސީން އިމާރާތްކުރަމުންދާ ޓަވަރުތައް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ބައްލަވާލައްވާފައެވެ.

އަމާން ދޯދި ޓަވަރުތަކުގައި ވެސް ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ޔުނިޓުތައް ހުންނައިރު ދެ ކޮޓަރީގެ ޔުނިޓްތައް ހުންނަނީ ތިން ލޭއައުޓަށެވެ. މި އެޕާޓްމަންޓުތަކުގައި ދެ ކޮޓަރި އާއި ދެ ފާހަނާ އާއި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ބެލްކަނީއަކީ ޔުޓިލިޓީ (ދޮންނަ މެޝިނު ފަދަ ތަކަތި ބަހައްޓަން ހާއްސަ) ބެލްކަނީއެއް ވެސް ހުރެއެވެ.