ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ، ހިތްދަތި ދުވަސްތަކުން އިބުރަތް ހާސިލުކޮށް، އާ ހިތްވަރަކާއެކު ތެދުވެ މަސައްކަތް ކުރުމަކީ ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުކުރެވޭނެ ކަމެއްކަން ޔަގީނެވެ. އެންމެ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ގިނަ ގޮންޖެހުންތައް ގިރާކުރުމަށް ފަހު ކާމިޔާބީ އާއި ހަމަައަށް ވާސިލުވުމަކީ ކޮންމެ މީހެއްގެވެސް އުއްމީދެވެ. މިއީވެސް އެ ފަދަ ވާހަކައެކެވެ.
އައްޑޫ ސިޓި މަރަދޫ، ޑައިމަންޑްވިލާ އައިޝަތު ޝޫރާ އޭ ބުނުމުން ގިނަ މީހުންނަށް ނޭގުނު ނަމަވެސް އޭނާގެ ކާމިޔާބު ވިޔަފާރި 'ލިލްލަވް އެމްވީ' ނޭގޭނެ އެއްވެސް މީހަކު އައްޑޫ ސިޓީ ގައި ނުހުންނާނެކަން ޔަގީނެވެ. އަބަދުވެސް އަމިއްލަ ވިޔަފާރިއެއް ކުރުމުގެ ޝައުގާއެކު، ވަޒީފާ އަދާކުރަމުން ދިޔަ ޝޫރާ ގެ ދިރިއުޅުމުގައިވެސް ގިނަ އަޑިގުޑަންތަކާ ދިމާވިއެވެ. އެތައް ފަހަރަކު ވިޔަފާރިއަށް ފެށުމަށް ދެކެމުން އައި ހުވަފެންތަކަށް ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އެހެންނަމަވެސް ޝޫރާގެ ހިތްވަރަކަށް ބަދަލެއް ނައެވެ. އާއިލާ އާއި ފިރިމީހާގެވެސް އެންމެ ބޮޑު އުއްމީދަކަށްވީ ޝޫރާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދީ އޭނާއަކީ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެފައިވާ އަންހެނަކަށް ހެދުމެވެ.
ޝޫރާގެ ވަރުގަދަ އަޒުމާ އާއިލާގެ ސަޕޯޓާއެކު މީގެ ތިން އަހަރުކުރިން، އޭނާއަށް ކުރަން ފެނުނު އެންމެ ރަނގަޅު ވިޔަފާރިއާކީ 'ޝެއިން' އިން މީހުން ދޭ އޯޑަރުތަކަށް ގިނެސް ދިނުމެވެ. މީގެ ތިން އަހަރުކުރިން ޝޫރާ އެ މަސައްކަތް ފެށި އިރު ރާއްޖެއަށް ޝެއިން އިން އެއްޗެހި ގެނެސްދޭ މީހުން ވަރަށް މަދެވެ. އެންމެ ފުރަތަމަ ހަމައެކަނި އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް 'ލިލްލަވް އައްޑޫ' ގެ ނަމުގައި ޝޫރާ ފެށި ވިޔަފާރި އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައީ ހީކުރިވަރަށްވުރެވެސް އަވަހަށެވެ. އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ޝޫރާ ފެށި ވިޔަފާރި ދެވަނަ ހަރުފަތަކަށް ގެންދިޔައީ ގިނަ ކަސްޓަމަރުންގެ އެދުމާވެސް އެކުގައެވެ. 'ލިލްލަވް އައްޑޫ' ގެ ހިދުމަތް މާލެ ސަރަހައްދަށް ފޯރުކޮށްދޭން ފެށުމާއެކުވިޔާފާރީގެ ނަން ''ލިލްލަވް އެމްވީ' އަށް ބަދަލުކޮށް އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމުގެ ހިތްވަރު ލިބިގެން ދިޔައީ ކަސްޓަމަރުންގެ ޕޮޒިޓިވް ކޮމެންޓްތަކުގެ ސަބަބުން ކަމުގައި ޝުރާ ބުންޏެވެ.
ތިން ކުދިންނާ އާއިލާގެ ޒިންމާތައް އަދާކުރަމުން، އަދި ބެޗްލާސް އޮފް ސައިންސް އެންޑް ސައިކޮލެޖީ ކިޔަވަމުން ދާ ޝޫރާ ބުނީ މި މަސައްކަތަކީ ވަރަށް ބުރަ މަސައްތެއް ކަަމަށެވެ. "ވަޒީފާއަށް ދަމުން، ކިޔަވަމުން އަދި އާއިލާގެ ކަންތައް ބަލަމުން ކުރަން މިއީ ވަރަށް ބުރަ މަސައްކަތެއް. އޯޑަރުތަކުގެ ބިލް ހަދާ ގަޑީގައި މަންމަ ކުދިން ބަލަނީ. ދެން އައްޑޫ އަށް އޯޑަރުތައް ލިބުމުން ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ކޮށްދެނީ ބައްޕަ އާއި ބޭބެ. މިހާރު މާލެއިންވެސް އޯޑަރު ނަގަން. އެ އޯޑަރުތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެންމެ ގާތް އެކުވެރިޔާ އައިޝަތު ޝިފްޒާ" ޝޫރާ ގެ މި ވިޔަފާރީގައި އެހީތެރިވާ މީހުންގެ ނަން ފާހަގަކުރަމުން ބުންޏެވެ.
އަބަދުވެސް ކަސްޓަމަރުން ދޭ އޯޑަރުތަކުން އެއްވެސް އެއްޗެއް މަދުނުވާ ގޮތަށް، ކޮންމެ އޯޑަރެއްވެސް ވަކިވަކިން އެތައް ފަހަރަކު ޗެކްކުރާކަން ފާހަގަކުރަމުން ޝޫރާ ބުނީ ކަސްޓަމަރުންނަށް އަބަދުވެސް އޯޑަރުގެ މައުލޫމާތު ދިނުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މެންބަރުންނާ އެކު ޝޫރާ ހިންގާ ވައިބާ ގުރޫޕާ، ވައިބާ ޗެނަލްގައި މުަދަލަށް އޯޑަރުކުރާ ވަގުތުން ފެށިގެން ކަސްޓަމަރަށް އެ އޯޑަރު ޑެލިވާ ކުރެވެން ދެން މައުލޫމާތު ގެނެސް ދެއެވެ. "ޝިޕްމެންޓްތަކުގެ ރެގިއުލާ އަޕްޑޭޓްސް، ކާގޯ ޝިޕްމެންޓް ޑީޓައިލްސް، ބޯޓު ޑީޓައިލްސް އަދި ލޯކޭޝަންވެސް ހިއްސާކުރަން. ބޭނުންވަނީ ވީހާވެސް ފަސޭހައިން ކަސްޓަމަރުންނަށް ދެ ފުށް ފެންނަ ގޮތަށް މި ވިޔަފާރި ކުރިއަށް ގެންދަން." ޝޫރާ ބުންޏެވެ.
އިތުރަށް ޝޫރާ ބުނީ އަބަދުވެސް ވަރަށް ތަފާތު ގޮތަކަށް އޭނާގެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ. މި ގޮތުން ކަސްޓަމަރުން ކުރާ ކޮންމެ އޯޑަރަކަށް ހިލޭ ރަނގަޅު ހަދިޔާއެއް ދެމުން އަންނައިރު ކޮންމެ ޝިޕްމެންޓަކުން ގުރުއަތުން ހޮވޭ ފަރާތަކަށްވެސް އަގުހުރި ހަދިޔާއެއް ދެއެވެ. "ވަރަށް ގިނައިން ގިވްއަވޭ ބާއްވަން، މީގެ އިތުރުން ގުރޫޕުވެސް ތަފާތު ގޮތަކަށް ކުރިއަށް ގެންދަން ހާއްސަ އިސްކަމެއް ދެން. ގުރޫޕަށް ލާ މަޖާ ވީޑިއޯތައް ހެދުމާ، އަޑުއެޅުމާ މިހުރިހާ މަސައްކަތެއްވެސް ކުރަނީ އަމިއްލައަށް. ބޭނުންވަނީ ކަސްޓަމަރުންނާ ވީހާ ވެސް ގާތުން، މަޖާ ގޮތަކަށް ވިޔަފާރި ޕްރޮމޯޓް ކުރަން" ޝޫރާ ބުންޏެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ހުރެގެން ފެށި ކުޑަކުޑަ ވިޔަފާރިއެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރާ، ޔަގީންކަން ލިބިގެން ދިޔައިރު ޝޫރާ ބުނީ 'ލިލްލަވް އެމްވީ' އަށް މިހާ ހިސާބަށް އާދެވުނީ ގިނަ ގޮންޖެހުންތަކަށް ފަހު ކަމަށެވެ. ކޮންމެ ފަހަރަކު ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓްކުރުމަށް ބޭނުންކުރާ ފޭސްބުކް ޕޭޖުގެ މައްސަލަ ޖެހި ގިނަ ކަސްޓަމަރުންތަކެއް ގެއްލުނެވެ. އެންމެ ފަހުން ވައިބާ ކޮމިއުނިޓީއެއް ހަދާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް އެ ގުރޫޕުގައި ގެނެސްދެއެވެ.
ޝޫރާގެ ހިތްވަރު އެބަހުއްޓެވެ. މި ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުމާ ޕްލޭނެއްވެސް އެބައޮތެވެ. މި ވަގުތު އެއްވެސް ވަޒީފާއެއް ނެތި ގޭގައި ހުރިއިރު އޭނާގެ މުޅި ވިސްނުން އޮތީ މި ވިޔާފިރިއަށެވެ. އާއިލާ އާއި ފިރިމީހާ އަދި ރަހްމަތްތެރިންގެ ފަރާތުން ލިބޭ ހިތްވަރާއެކު ޝޫރާ ހުރީ މި ވިޔަފާރި އާއިގެން ކުރިއަށް ދިއުމަށް ސާބިތުވެއެވެ. ކަސްޓަމަރުންގެ ލޯތްބާ އިތުބާރު ހޯދާފައިވާ ޝޫރާގެ 'ލިލްލަވް އެމްވީ' ނޭގޭ މީހަކު އައްޑޫގައި ނެތް ފަދައިން، އެ ނަން މުޅި ރާއްޖޭގައި ވެސް ނޭގޭ މީހަކު ނުހުންނަ ހިސާބަށް ގެންދަން އޭނާ ހުރީ ފިސާރި ކެރިގެންނެވެ.