އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިދުމަތްތައް އީފާސް މެދުވެރިކޮށް ލިބޭނެ ގޮތް ހަދަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އޮންލައިން ކޮށް ހިދުމަތް ހޯދާ ފަރާތްތަކުން، އީސީގެ އޮންލައިން ޕޯޓަލްއަށް އީފާސް މެދުވެރިވެ، ހިދުމަތްތަކަށް އެކްސެސް ވެވޭނޭ ގޮތަށް ހަމަޖެއްސުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ އީފާސް މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި އިންތިހާބުތަކުގެ ރީ-ރަޖިސްޓްރޭޝަނާއި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލަކަށްވުމާއި ރަޖިސްޓަރީވެފައިވާ ވޯޓުފޮށި ޗެކްކުރުމާއި ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީ ޗެކް ކުރުން ފަދަ ހިދުމަތްތައް ހިމެނޭ ކަމަށެވެ.

އީފާސް މެދުވެރިކޮށް ސަރުކާރުގެ އެކި މުވައްސަސާތަކުން ހިދުމަތް ހޯދޭނެ ގޮތަށް ހަމަޖައްސާފައިވާއިރު ޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ބުނީ މި ހިދުމަތް ތަޖުރިބާކުރުމަށް ހުޅުވާލިތާ ތިން މަސްދުވަހުގެ ތެރޭގައި 52،432 މީހުން ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 198،841 ފަހަރު 49 ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންކޮށްފައިވާ ކަމަށް އެންސީއައިޓީއިން ބުނެއެވެ.

މި ގޮތުން އެންމެ ގިނަ ފަހަރަށް ބޭނުންކޮށްފައިވާ ޕޯޓަލް ތަކުގެ ތެރޭގައި ގެދޮރުވެރިޔާ ޕޯޓަލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް، މޯލްޑިވެސް އިސްލާމިކް ބޭންކް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓްގެ ބިޒްނަސް ޕޯޓަލް، އެކްސްޕެޓް އޮންލައިން، އާބަންކޯ، ގަވް.އެމް.ވީ މެސެޖް އަދި އެސްއެމްއީ ފައިނޭންސް ކޯޯޕަރޭޝަން ހިމެނެއެވެ.