ކައުންސިލްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކައުންސިލް އިދާރަތަކަށް އުމްރާނީ ތަރައްގީ ނުލިބުން ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީގެ ހުރި ރަށު އޮފީސްތައް ކައުންސިލް އިދާރާތަކަށް ބަދަލުވެގެން ދިޔައިރު، ސަރުކާރުން އެ ތަންތަން އުމްރާނީ ތަރައްގީ ގެނެސްފައިނުވުން ކަމަށެވެ.
އެގޮތުން ކުރިން ކުޑަ ކަތީބަކާއި ބޮޑު ކަތީބެއް ހުރެގެން ހިންގި ތަންތަނުގައި މިއަދު 5 ކައުންސިލަރުން ނުވަތަ އެއަށްވުރެ ގިނަ ކައުންސިލަރުން މަސައްކަތް ކުރަމުންދާކަަމަށާއި ތަހުޒީބުވަމުންދާ ޒަމާނެއްގައި ކައުންސިލްތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރެވިފައި ނުވުމުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ކައުންސިލުން ފާހަގަ ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފް ވިދާޅުވީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކައުންސިލްތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރައިގެ ހަމަހަމަ ކަމެއް ނެތް މައްސަލައިގެ އިތުރުން ކައުންސިލަތަކުގައި މަސައްކަތް ކުރާ އިދާރީ ބޭފުޅުންނަށް ހުރި ގޮންޖެހުންތަކުގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ސިވިސް ސާވިސްގެ ގަވާއިދަށް ގެނައި ބަދަލާއެކުވެސް އެ މުވައްޒަފުންގެ މުސާރައަށް ގެނެވިފައި ހުރީ އެންމެ އިންސާފުވެރި ބަދަލެއް ނޫންކަން ފާހަގަ ކުރައްވާ މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތް ކޮންމެހެން ކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 10 އިސްލާހެއް ގެނެސްފައި އޮތް ނަމަވެސް އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިސާލެއްގެ ގޮތުން ބަލާނަމަ ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުއްވި ނަމަވެސް ލާމަރުކަޒީ ގާނޫނު އޮތް ގޮތުން އެތާނގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތެއްގެ މަސްއޫލިއްޔަތާއި ޒިންމާ އުފުއްލަންޖެހެނީ ރަށު ކައުންސިލުންކަން އޭނާ ފާހަގަކުރިއެވެ.
ތިނަދޫގެ މައްސަލަ މަޖީލީހަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމާއެކު އެފަދަ މައްސަލަތަކަށް ހައްލު ހޯއްދަދޭނެ ކަމަށް އުންމީދުކުރެއްވި ކަމަށެވެ. ނަމަވެސް އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަޖިލީހުން މަސައްކަތް ކުރާ ތަން އަދި ފެނިވަޑައިނުގަންވާ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް އުންމީދު ކުރައްވަނީ އެގޮތަށް ކަމަށާއި މަޖިލީހުގެ ގަވާއިދަށް ބޭނުންހާ ބަދަލެއް ގެނެސްގެން މަޖީލީހުގެ ދައުރު ދަންމަވާލައިގެން ކުރިއަށް ގެންދާއިރު މި މައްސަލައަށް ހައްލެއް ހޯދައި ދީފައި ޗުއްޓީއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.