ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފިލި މައްސަލައިގައި ހިޔާނާތުގެ ދައުވާ ލިބޭ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އަންމަޓީ) ފުރަން ހުއްދަ ދީފައި އޮތް އޮތުން މަނާކޮށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން އަންމަޓީއަށް ހުއްދަދީ އޭނާގެ ޕާސްޕޯޓް ދޫކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ އެ އަމުރު ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅާފައެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް އޭނާ ފުރައިގެންގޮސްފިނަމަ، އިސްތިއުނާފުގެ މަގުސަދު ގެއްލިގެން ހިނގައިދާނެ ކަމުގެ އިހުތިމާލު އޮތްކަމަށް ފެންނަކަމަށެވެ. އެހެންކަމުން ހައިކޯޓުން ވަކި ގޮތެއް އަންގަންދެން އަންމަޓީ ރާއްޖެއިން ބޭރަށް ފުރުން އިމިގްރޭޝަންގެ މައްޗަށް މަނާކުރާ ކަމަށް އެ އަމުރުގައިވެއެވެ.
އަންމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށް ފަހު 20 ދުވަހުގެ މުއްދަތަކަށް ދޫކޮށްލީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ސްރީލަންކާ އަށް ދިއުމަށްޓަކައި ޕާސްޕޯޓު ދޫކޮށްދޭން އޭނާ އެދުމުން، މި މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 5 އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 11 ގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓުން ވަނީ، އަންމަޓީގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ބާތިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު އޭނާ އަށް ލަފާދީފައިވާކަން ފާހަގަކޮށް، މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
ހިޔާނާތުގެ 42 ދައުވާ އެއް އަންމަޓީގެ މައްޗަށް އުފުލާފައި ވަނީ، އާބަންކޯ (ކުރީގެ އެޗްޑީސީ) އާއި ސީލައިފާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3 ހާސް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ފައިސާ ނަގައި، ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު ދޫކޮށްލީ މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގައެވެ. އެކަމަކު މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަ ދެއެވެ.