ކުރިއަށް އޮތް ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަ ނުކުރަން މިވަގުތު އެފްއޭއެމްގެ ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބައްސާމް އަދީލް ޖަލީލް ނިންމަވައިފިއެވެ.

ބައްސާމް މިގޮތަށް ނިންމަވާފައި ވަނީ އެފްއޭއެމްގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއްވި ބަޔާނެއް މެދުވެރިކޮށެވެ. އެ ބަޔާނުގައި ބައްސާމް ވިދާޅުވެފައި ވަނީ އެފްއޭއެމްގައި ހޭދަކުރެއްވި ދައުރުގައި އެތައް ކާމިޔާބަކާއި އެތައް ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަަޑައިގެންނެވި ކަމަށާއި ފުޓްބޯޅައަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވީނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބަކީ މިނިވަން އިންތިހާބަކަށް ހެދުމުގެ ޔަގީންކަން އަރުވަމުން ބައްސާމް ވިދާޅުވީ، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނީ އެ އެސޯސިއޭޝަނުގެ އިލެކްޓޯރަލް ކޮމިޓީން ކަމަށެވެ.

އަދި ހަމައެހެންމެ ރާއްޖޭގެ ފުޓްބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އޭނާގެ އުންމީދެއް ކަމަށާއި އެކަން ހާސިލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. "ދިވެހި ފުޓްބޯޅަ އައު ޒައާމަތެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކޭ ހާލު, ކުރިއަށް މިއޮތް އެފްއޭއެމްގެ އިންތިހާބުގައި އަޅުގަނޑު ވާދަނުކުރާނެކަން އިއުލާނު ކުރަމެވެ," އެ ބަޔާނުގައި ވެއެވެ.

އެފްއޭއެމްގެ އިންތިހާބު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އަންނަ ޖެނުއަރީ 31, ގަ އެވެ. އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން ލިޔެކިޔުން ހުށަހެޅުމަށް އެފްއޭއެމުން އެދިފައިވެއެވެ.

އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުން ކުރަމުންދާ ކަމަށް ބުނެ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ވަނީ ސޮއިވެސް ހަމަ ކޮށްފައެވެ. އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ އަހުމަދު ތޯރިގު (ޓޮމް) އިސްކޮށް ހުންނަވާ ސޮއި ހަމަކޮށްފައިވާއިރު ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ޓޮމް ވަނީ ވިދާޅުވެފައެވެ.

އެ އެސޯސިއޭޝަންގެ ދަރަނި ބޮޑުވެފައިވާއިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ވަނީ ނުދީއެވެ.

މުވައްޒަފުންގެ މުސާރަ ދިނުމަށް ފީފާއިން ވަނީ 3 ލައްކަ ޑޮލަރުގެ ފައިސާ ދިނުމަށް އެއްބަސްވެފައެވެ. އެ ގޮތުން އެ ފައިސާ ތިން ބަޔަކަށް ބަހާލައިގެން ދިނުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ބަޔަށް ވާ އެއް ލައްކަ ރުފިޔާ މިހާރު ވަނީ އެފްއޭއެމް އަށް ދީފައެވެ.