ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުން އަމަލުކުރުން އިސްތިސްނާ ކުރި މާއްދާތައް އިއާދަކުރުމަށް ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުން އިސްތިސްނާ ކޮށްފައި ވަނީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އެވެ.

އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުގައި ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައެވެ. އަދި ވޭތުވެދިޔަ 3 އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 1 ޕަސެންޓަށްވުރެ އިތުރުނުވާނޭ ގޮތެއްގެ މަތިންނެވެ.

1 ޖެނުއަރީ، 2016 އިން ފެށިގެން ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށާއި އެ ތާރީހުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ރ)ގައި ވަނީ ބުނެފައެވެ.

އެ މާއްދާގެ (ރ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެ ކަމަށް (ބ)ގައި ބަޔާންކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކުރުމަށް އެދި އޭޕްރީލް 26، 2020 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން އެދުނީ، އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ގުދުރަތީ ކާރިސާއެއްކަމުގައިވާ ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުން ދިވެހިރާއްޖެއަށް ކުރިމަތިވުމުގެ ސަބަބުންނެވެ.

އެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ހީނަރުކަން ފިލައިގެން ގޮސްފައިނުވާތީ، ދެ ފަހަރެއްގެ މަތިން އެ އިސްތިސްނާގެ މުއްދަތު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ވަނީ އިތުރުކޮށްދީފައެވެ.

އިގްތިސޯދީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ދިވެހިރާއްޖޭގެ ރިއަލް ޖީޕީޑީ ވަނީ ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރު ފަހަނައަޅައި ގޮސްފައިވާ ކަން ފިނޭންސް މިނިސްޓްރީއިން ފާހަގަ ކުރެއެވެ. އެގޮތުން 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ، 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައި ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެހެންކަމުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މިހާރު ނެތުމުން، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިސްތިސްނާކުރުން ނިމުމަކަށް ގެނެސްދެއްވައި، އެ ގާނޫނަށް އަމަލުކުރުން ފުރިހަމަ ގޮތުގައި އިއާދަކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް އިސްތިސްނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ގާނޫނު އެކީގައި އިއާދަކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމަނާފައިވާ ލަނޑުދަނޑިއެކެވެ.