ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފުރަތަމަ ތިން އަހަރު ހައްޖަށް ފޮނުވާނީ ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތުގައި ތިބި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ނިކަމެތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކުރިއަށް އޮތް ފަސް އަހަރު ތެރޭ 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު، އެ މަނިކުފާނުގެ 'ހަފްތާ 14' ގެ ފުރަތަމަ 100 ދުވަހުގެ ޕުލޭނުގައިވެސް މިކަން ވަނީ ހިމަނުއްވާފައެެވެ. އަދި ހަފްތާ 14 ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ހިލޭ ހައްޖަށް ފަގީރުން ގެންދިއުމާ ގުޅޭ އުސޫލުގެ ބައެއް މަސައްކަތްތައް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް މިހާރުވަނީ އެކަށައަޅާ ނިންމާފައެވެ.

ހިލޭ ހައްޖަށް މީހުން ގެންދިއުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާއިރު މި މަސައްކަތުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓްރީން ބުނީ ހައްޖަށް ފޮނުވުމަށް ނިންމާފައިވަނީ ސިއްހީ ހާލަތު ތަންދޭ، އުމުރުން 70 އަހަރުން ދަށުގެ މީހުން ކަމަށެވެ. އަދި ފުރަތަމަ ތިން އަހަރު، 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ނިންމާފައިވާކަމަށެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނިމަށް ނިންމާފައިވާއިރު މިހާރު ކެބިނެޓުން ނިންމާފައިވަނީ މި އަހަރު ހައްޖަށް ގެންދާ މީހުންގެ ހަރަދުތައް ޒަކާތު ފަންޑުން ހަމަޖައްސުމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ބަޖެޓުންނާއި އަދި އެކި ފަރާތްތަކުން ސްޕޮންސާޝިޕު ހޯދައިގެން މި ސްކީމުގެ ޚަހަރަދުތައް ހަމަޖެއްސުމާމެދު ކެބިނެޓުގައި މަޝްވަރާކުރެވިފައިވެއެވެ.