ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ތަންތަނަށް އެންމެ ކުޑަކޮށް އިންވެސްޓު ކުރެވޭ އަދަދު ދަށްކޮފިއެވެ.

އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި އެންމެ ކުޑަކޮށް އިންވެސްޓު ކުރެވޭނެ މިންވަރަކީ 150 މިލިއަން ޑޮލަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާރަރަކުން ނިންމާފައިވަނީ ޖެނުއަރީ 31، 2018 ގައެވެ. މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގަރާރު ބާތިލުކުރައްވައި ނެރުއްވި ގަރާރުގައިވާ ގޮތުން އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރަކީ 100 މިލިޔަން ޑޮލަރުކަމަށް ވަނީ ކަނޑައަޅާފައެވެ

މީގެ އިތުރުން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވާ ތެޔޮ ހޯދުން އަދި އިއާދަކުރަނިވި ހަކަތަ އުނިކޮށް އެ ލިސްޓަށް ވަނީ ކާނާގެ ކަށަވަރުކުރުމިގެ ބައި އިތުރުކޮށްފައެވެ.

އެސްއީޒެޑްގައި ހިންގޭނެކަމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކަކީ:

1- ގޭސް އެކްސްޕްލޮރޭޝަން މަސައްކަތްތައް

2- ފުޑް ސެކިއުރިޓީ ދައިރާ

3- ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން ގެ އިތުރުން ޑޮކިން ސާވިސަސް

4- ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް.

5- ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް.

6- އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތައް

7- އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.

8- ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް.

9- އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ވަނީ އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާޅާނެ ކަމަށް ވިދާޅުވެފައެވެ.