އަންނަ އަހަރު އޮލިމްޕަސް ސިނަމާއަށް ގެންނަން ތާވަލް ކޮށްފައިވާ ދިވެހި ފިލްމު "ކަންބަޅި" ގެ ކާސްޓާ މަޝްހޫރު ފިލްމީތަރި ރަވީ ފާރޫގް ގުޅިއްޖެއެވެ.
އައިފިލްމްސް އިން މިހާރު ޝޫޓްކުރަމުންދާ މި ފިލްމަކީ ބިރުވެރި ޖޯންރާ އަށް ތައްޔާރުކޮށްގެން ގެނެސްދޭ ފިލްމެކެވެ. އަދި މި ފިލްމަކީ އެ ކުންފުނީގެ ފުރަތަމަ ބިރުވެރި ފީޗާ ފިލްމުވެސްމެއެވެ. މި ފިލްމުން ރަވީ ފެނިގެންދާއިރު އަންނަ އަހަރު ޑާކްރެއިންއެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމު "ފުރޭތަ" ގައި ވެސް ރަވީގެ ރޯލެއް ހިމެނިފައިވެއެވެ. އެކްޓަރެއްގެ އިތުރުން ރަވީ އަކީ ކުޅަދާނަ ޑައިރެކްޓަރެއްވެސްމެއެވެ. އޭނާ ޑައިރެކްޓްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "އިނގިލި"، "ވިޝްކާ"، އަދި "މިކޮއެ ބައްޕަ ބައޭ ބައޭ" ހިމެނެއެވެ.
"ކަންބަޅި" ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން މި މަހު ފަށާފައިވާއިރު މި ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި އަހްމަދު އިފްނާޒް ފިރާގު ވެސް ހަރަކާތްތެރިވާނެއެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީއެވެ. މި ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. ހަމައެއާއެކު ފިލްމަށް އަލަށް ތައާރަފްވާ އުމުރުން ހަ އަހަރުގެ ސާރާގެ މުހިއްމު ރޯލެއް ފިލްމުން ފެނިގެންދާނެއެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ތަރިންނަކީ ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދެވެ. އަދި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފްވާ ތަރިންގެ ތެރޭގައި މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހްމަދު (ޖެރީ) ފެނިގެންދާނެއެވެ.
އައިފިލްމްސް އިން ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމު "ކަންބަޅި" އަކީ އަންނަ އަހަރު ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ. އިއްލެގެ ތިން ފީޗާ ފިލްމެއް ވަނީ މިހާތަނަށް ނުކުމެފައެވެ. އެއީ "ބަވަތި"، "ނީނާ"، "ފްރީ ޑެލިވަރީ" އެވެ. ޝަހީދު ލެގަސީ މިއުޒިކް ހަދާ މި ފިލްމުގެ ކެމެރާމަން އަކީ ޒުވާން ކެމެރާމަން ޝިވާޒް (މާސްކޭ)އެވެ.