ކ.ތުލުސްދޫން ފުރައިގެން ކ.މާފުށްޓަށް ދަތުރުކުރަމުންދިޔަ "ޑޮނަޓެއްލާ" ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރައިފިއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އެ ބޯޓު ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި އެ ބޯޓު އަރާފައިވަނީ ކ.ގުޅިކައިރީގައި އޮންނަ ފަރަކަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން ތިބި ކަމަށާއި ފަރަށްއެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހެނދުނު 7:36 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބޯޓުގައި ތިބި ހަތަރު ފަޅުވެރިން ހާބާކުރާފްޓް ލޯންޗުގައި މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ފަރަށް އެރުމުގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި ވެރިފަރާތާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ 58 މީހުންނާއެކު މާލެއިން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދިޔަ "ބަހާދަރު" ބޯޓު ވަނީ އެ ރޭ ދަންވަރު 2:30 ހާއިރު ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފައެވެ. އޭގެ ފަހުން މިދިޔަ ބުދަ ދުވަހު މާލެއިން ލ. ދަނބިދޫއަށް ދަތުރުކުރަމުންދިޔަ "ބަސްމަލާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ލ. ދަނބިދޫ ކައިރީ އޮންނަ "ބިންމާދަނޑު" ނެރުމައްޗަށް ވަނީ އަރާފައެވެ.