ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރު ގުރުއަތު ނަގާ، ތަރުތީބުކޮށްފިއެވެ.

އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރު ގުރުއަތު ނަގާ، ތަރުތީބުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު އިލެކްޝަން ކޮމިޝަންގެ ހިންގަމުން އަންނަ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި އެމްޓީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާދަކުރައްވާއިރު ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކުރޫ ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓުގައެވެ. މިހާރުވެސް މާލެ ސިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހު ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާއިރު އަމިއްލަ ގޮތުން ވާދަކުރައްވަނީ ކުރީގެ ސީޕީ ހުސައިން ވަހީދާއި މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ.

ކެންޑިޑޭޓް ނަންބަރުގެ ތަރުތީބު:

  • ޝުއައިބު އަލީ 1
  • ހުސައިން ވަހީދު 2
  • އާއިޝަތު އާޒިމާ ޝުކޫރު 3
  • އާދަމް އާޒިމް 4
  • ސައިފް ފާތިހު 5

މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމާ ގުޅިގެން އެ މަނިކުފާނު ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑީގެ އިތުރުން ގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.

އެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމުގެ އިންތިހާބުވެސް ކުރިއަށްދާނީ އެ ދުވަހުއެވެ.