އާސަންދަ ސްކީމްގެ ތެރެއިން ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރަން ބޭނުންވާނަމަ ޑޮކްޓަރު ބޭސް ސިޓީ ލިޔެދޭއިރު އެކަން ހިމަނަންވާނެ ކަމަށް އާސަންދަ ކޮމްޕެނީން ބުނެފިއެވެ.
އެ ކޮމްޕެނީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރަން ބޭނުންވާނަމަ ބޭހުގެ އިންސްޓްރަކްޝަން ގައި އެ ބޭހެއް ސަބްސްޓިޓިއުޓް ނުކުރުމަށް ބޭސް ސިޓީގައި ލިޔަންވާނެ ކަމަށެވެ.
އެފަދަ ހާލަތެއްގައި ބޭސް ފިހާރަތަކުންވެސް އެ ނޫން ބޭހެއް ބަލިމީހާއަށް ދޫކޮށްގެން ނުވާނެ ކަމަށް އެ ސާކިއުލާގައި ވެއެވެ. ހަމައެހެންމެ ހިދުމަތައް އެދި ދާ ބޭސް ފިހާރާގައި އެ ބޭހެއް އާސަންދަ ސްކީމްގެ ތެރެއިން ދޫ ނުކުރެވޭނަމަ އެކަން ބަލިމީހާއަށް އަންގަންވާނެ ކަމަށް އެ ކޮމްޕެނީން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ބްރޭންޑް އިންސްޓްރަކްޝަންގައި ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު ލިޔެފައި ނެތް ހާލަތެއްގައި ބޭސް ފިހާރައިން ބިލް ކުރަންވާނީ ފިހާރައިން ބަލިމީހާއަށް ދޫކުރި ބޭހަށް ކަމަށް ވެއެވެ. އަދި ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ވަކި ބްރޭންޑެއްގެ ބޭހެއް އެއްވެސް ބޭސް ފިހާރައެއްގައި ނެތް ހާލަތެއްގައި އެ ބްރޭންޑް ބަދަލު ކުރުމަށް ބަލިމީހާ ދާން ޖެހޭނީ ޑޮކްޓަރު ކައިރިއަށް ކަމަށްވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.
ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި ބޭސް ފިހާރައިން އެ ނޫން ބްރޭންޑެއް ބަލިމީހާއަށް ދޫކުރާ ޓްރާންސެކްޝަންތައް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަލައި ނުގަނެވޭނެ ކަމަށް އާސަންދަ ކޮމްޕެނީން ވަނީ ބުނެފައެވެ.