ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބުނު މީހުންނަށް ލިބުނު ބިމުގެ ބަދަލުގައި ފުށިދިއްގަރުފަޅުން ބިން ދޫކުރުމަށް ނިންމުމާ ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވެފައި ވަނީ ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުރުމަށް ނިންމުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ރާއްޖެ އެމްވީ ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އެ ނޫހުން މިއަދު ރިޕޯޓު ކޮށްފައި ވަނީ ފުށިދިއްގަރުފަޅުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ނުހިމެނި ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފޭސް ތިނަކުން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުުރުމަށް ނިންމާފައިވާ ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް އެ ހަބަރު ދޮގު ކުރައްވާ ފަޒުލް މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރު ފަޅަށް ބަދަލު ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. "އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް" ފަޒުލްގެ ޕޯސްޓުގައި ވެއެވެ.

ފުށިދިއްގަރުފަޅަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަރައްގީ ކުރުމަށް ވައުވެވެ އެ މަސައްކަތް ކުރެއްވުމަށް ގިނަ ޕްލޭންތަކެއްވެސް ހަދަމުންދާ ރަށެކެވެ.

އެގޮތުން ރައީސް މުއިއްޒު ވަނީ ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫއު ވައުދުވެ ވަޑައިގެންނެވި ގޮތަށް ހަފްތާ 14 ގައި ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުން 1280 ހެކްޓާރުގެ ސަރަހައްދެއް ހިއްކާނެ ކަމަށާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފިނޭންސްުން ހުށަހެޅި އިރު އެ ސަރަހައްދު ހިއްކުމަށް ވަނީ 400 މިލިއަން ރުފިޔާ ހިމަނާފައެވެ. އެހެންނަމަވެސް ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ހިމަނައިފައެވެ.

ފުށިދިއްގަރުފަޅު ހިއްކައި ފުރަތަމަ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނިމޭ އިރު، ވަށައި ރިވެޓްމަންޓް ޖަހައި 3 މީޓަރެއްހާ އުސްމިނަށް ހިއްކައި ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފުށިދިއްގަރުގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކައިގެން 65000 ގެދޮރު ބިނާ ކުރުމުގެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މިއަދު ވަނީ ކ. އަތޮޅު ގުޅީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅު އެ ކައުންސިލްގެ އިހުތިސާސް އިން ވެސް ވަކިކޮށްފައެވެ. އެގޮތަށް ނިންމާފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.