ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފުޓްބޯޅަ ކްލަބްތަކުގެ ސޮއި ހޯދަން ފަށައިފިއެވެ.

އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުން ކުރަމުންދާ ކަމަށް ބުނެ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރީތި ގޮތަކީ އޭނާ އަމިއްލައަށް އިސްތިއުފާ ދިނުން ކަމަށެވެ. "ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން" ޓޮމް ވިދާޅުވިއެވެ.

ޓޮމްގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ހިންގާ އަދި ކުރިއެރުވުމަށް މަސައްކަތް ކުރާ ގިނަބަޔަކު ދަނީ އެފްއޭއެމް އަށާއި ބައްސާމް އަށް ފާޑު ކިޔަމުންނެވެ. އެގޮތުން ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ކުޅެދިން ސޮބާހު މުހައްމަދުވެސް ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށްވެ، ގޯސް ހާލަތަކަށް ވެއްޓެމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އެކަން އެ ގޮތަށް ހިނގަމުން އައިއިރު، ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ތިބީ އެފްއޭއެމްގެ ބައްސާމް އަށް ސަނާ ކިޔުމަށް ކަމަށެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އޭނާގެ ފޭސްބުކްގައި އިއްޔެ ހިއްސާ ކުރި ޕޯސްޓުގައި ސޮބާހު ވިދާޅުވީ ރާއްޖޭގައި މިފަދަ ކަމެއް މި ލެވެލްގައި ނުދާ ކަމަށެވެ. "މިކަން ހިނގާތާ ކިތަންމެ އަހަރެއް. އަދި ކިރިޔާ ބައެއް ކްލަބްތަކަށް މިކަން ރެޔަކާ ލީ. އަދިވެސް މި ވާހަކަ ދައްކަދައްކާ ތިބެންވީތޯ." ސޮބާހު ސުވާލު އުފެއްދެވިއެވެ.

ބައްސާމް އަދީލް ޖަލީލްގެ އިތުރުން އެފްއޭއެމްގެ ލީޑަޝިޕާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުންދާ މި ދަނޑިވަޅުގައި އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ޕްރޮސްކިއުޓާ ޖެނެރަލް އޮފީހުގެ އެންގުމުގެ މަތިން ކޯޓު އަމުރަކާއެކު ފުލުހުން އެފްއޭއެމް ހައުސް ބަލާ ފާސްކޮށްފައިވާއިރު ތަހުގީގަށް ބޭނުންވާ ތަކެތިވެސް ވަނީ ހޯދާފައެވެ. އަދި ބައްސާމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

އެ އިދާރާގެ ދަރަނި ބޮޑުވެފައިވާއިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ވަނީ ނުދީއެވެ.

މުވައްޒަފުންގެ މުސާރަ ދިނުމަށް ފީފާއިން ވަނީ 3 ލައްކަ ޑޮލަރުގެ ފައިސާ ދިނުމަށް އެއްބަސްވެފައެވެ. އެ ގޮތުން އެ ފައިސާ ތިން ބަޔަކަށް ބަހާލައިގެން ދިނުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ބަޔަށް ވާ އެއް ލައްކަ ރުފިޔާ މިހާރު ވަނީ އެފްއޭއެމް އަށް ދީފައެވެ.