ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު އައްޔަން ކުރައްވައިފިއެވެ.

1988 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އެމްންޑީއެފްގެ ހިދުމަތާ ގުޅިވަޑައިގެންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގައުމަށް ހިދުމަތް ކޮށްދެއްވާފައެވެ. އެމުއްދަތުގައި ހިލްމީ ވަނީ އެމްއެންޑީއެފްގެ ވަރަށްގިނަ ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓް ތަކެއް ފުރުއްވާފައެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ބްރިގޭޑިއާ ޖެނެރަލް އިބްރާޙިމް ހިލްމީ ހުންނެވީ ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމުގައެވެ. ހިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަން (ޑައިޓް) ގެ ކޮމާންޑިން އޮފިސަރުކަން އަދި ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓް (J5/J8) ގެ ޕްރިންސިޕަލް ޑައިރެކްޓަރުކަން އަދާ ކުރައްވާފައެވެ.

މީގެ އިތުރުން ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީއައިޑީސީ) ގެ ޕްރިންސިޕަލް ޑައިރެކްޓަރުކަން، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ކޮމާންޑަރުކަން އަދި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރުކަން ވެސް ހިލްމީ އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއިން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަ ޑިފެންސް އެޑްވައިޒަރުގެ މަގާމު ވެސް އަދާ ކުރެއްވި ހިލްމީ ވަނީ އެ މަގާމުގައި ހުންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ބައިލޭޓަރަލް ޑިފެންސް ކޯޕަރޭޝަން އިތުރަށް ހަރުދަނާކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ވެސް ކޮށްދެއްވާފައެވެ.