ގދ. ތިނަދޫއަށް ސިޓީ ކައުންސިލްގެ ދަރަޖަ ދިން ނަމަވެސް ސިޓީ ކައުންސިލެއް އުފެއްދުމަށް ގާނޫނަށް އިސްލާހު ގެނެއުމަށް ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ދެއްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިދިޔަ އޮގަސްޓް 30، 2023 ވަނަ ދުވަހުން ފެށިގެން ތިނަދޫއަކީ ސިޓީއެއް ކަމަށް ރައީސް ސޯލިހު ކަނޑައަޅުއްވާފައި ވަނީ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުށައެޅުއްވި ގަރާރަކުންނެވެ.

އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ރަށު ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދި އެ ކައުންސިލުން ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ. އެއާއެކު ލާމަރުކަޒީ ކޮމިޓީން ނިންމީ ދައުރު ހަމަނުވި ނަމަވެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭނެ ކަމަށެވެ.

ނަމަވެސް އެ ނިންމުމާ ގުޅިގެން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީގައި ލަފާ ދެއްވާފައި ވަނީ ކޮމިޓީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއިން، ރަށު ކައުންސިލެއް އިންތިހާބުކޮށް ދައުރު ހަމަނުވަނީސް އެ ރަށެއް ސިޓީއަކަށް ބަދަލުވި ނަމަވެސް އެ ސިޓީ ހިންގާނީ ރަށު ކައުންސިލުންކަން ސާފުވާ ކަމަށް ފިލްޒާގެ ލަފާގައި ވެއެވެ.

އަދި ސިޓީ ކައުންސިލެއް އުފެއްދި ނަމަވެސް ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރީގައި ސިޓީ ކައުންސިލެއް އުފައްދަން ގާނޫނު ލާޒިމުނުކުރާ ކަމަށާއި ދައުރު ހަމަވެ، ޖެހިގެން އަންނަ ކައުންސިލްގެ އިންތިހާބުގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރެވެންދެކަ ދެމި އޮންނާނީ ރަށު ކައުންސިލެއް ކަމަށް ފިލްޒާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރަށު ކައުންސިލަށް އިންތިހާބުވި މެންބަރުންނަށް ސިޓީ ކައުންސިލްގެ މެންބަރުކަމާއި މޭޔަރުކަން ދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފިލްޒާ ވިދާޅުވިއެވެ. އެ ލަފައާ ގުޅިގެން އިތުރަށް މަޝްވަރާ ކުރުމަށްފަހު މިއަދު ލާމަރުކަޒީ ކޮމިޓީން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނާށެވެ. އެއާއެކު ކޮމިޓީން ނިންމީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭން މަޖިލީހަށް ހުށަހެޅުމަށެވެ.