ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ސަރުކާރުން ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކުރި ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

އޮންލައިން ނޫހެއްގައި ޝާއިރުކުރި ހަބަރެއްގައި ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށް ވަނީ ނޮވެމްބަރު 24 އިން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެފައެވެ.

އެވާހަކަތައް ދޮގުކުރަމުން މިނިސްޓްރީން ބުނީ، އެފަދަ އެއްވެސް ފަރާތަކަށް ބަދަލު ދިނުމަށް އަލަށް ފައިސާ ދައްކާފައި ނުވާކަމަށާއި މިކަމާ ގުޅޭ ތަފްސީލް ހިމެނޭ ނޫސް ބަޔާނެއް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

މިނިސްޓްރީން ބުނެފައިވާއިރު އޮންލައިން ނޫހެއްގައި ޝާއިރުކުރި ހަބަރުގައިވާގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިއަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި ޖުމްލަ 438.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އަދި ނޮވެމްބަރު 17 އިން ނޮވެމްބަރު 23 އަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައިނުވާ ކަމަށް ވެސް އެހަބަރުގައި ވަނީ ބުނެފައެވެ.

މިއަހަރުގެ މިހާތަނަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދޫކުރި ފައިސާ 539.8 މިލިއަން ރުފިޔާއަށް އަރައެވެ.