ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކުރޫ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޓިކެޓުގައި އެ އިންތިހާބުގައި ވާދަކުރެއްވުމަށް އާޒިމް ފޯމު ހުށަހެޅުއްވިއިރު އާޒިމާ ފޯމު ހުށަހަޅުއްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި އެ އިންތިހާބުގައި ވާދަކުރެއްވުމަށެވެ.
އެ ދެ ބޭފުޅުންގެ ފޯމާއެކު ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމުވެސް އެ ދެ ޕާޓީގެ ފަރާތުން ވަނީ އީސީއަށް ހުށަހަޅާފައެވެ.
މި އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ މޭޔަރު އިންތިހާބަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދާމާ 2 ޖަހާއިރަށް ހަމަވާއިރު އެ އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ފޯމު ހުށަހަޅުއްވާފައިވަނީ މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ. މި މަހުގެ 7 ވަނަ ދުވަހު ޝުއައިބު ފޯމު ހުށަހަޅުއްވާފައިވާއިރު އޭނާ އެ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މިހާރުގެ ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހު ވާދަކުރައްވާއިރު ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްއިން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ވާދަކުރެއްވުމަށް ނިންމަވާފައެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމާ ގުޅިގެން އެ މަނިކުފާނު ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑީގެ އިތުރުން ގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.