ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ސީނިއާ މިނިސްޓަރުންގެ ފެންވަރުގައި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް އައްޔަން ކުރެއްވި އަދުރޭ، މަޖިލީހަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ފޭސްބުކްގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އަދުރޭ ވިދާޅުވީ، ލ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމާފައިވާ ކަމަށާއި އެ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިހުލާސްތެރިކަމާއެކު އެދެމެވެ،" އަދުރޭގެ ޕޯސްޓުގައި ވެއެވެ.

https://www.facebook.com/story.php?story_fbid=2657819927710137&id=100004464675104&mibextid=WC7FNe

މީގެ ކުރިންވެސް އަދުރޭ ވަނީ ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. ދެ ދައުރެއް ފުރިހަމަ ކުރައްވާ، ތިންވަނަ ދައުރަކަށް ކުރިމަތިލެއްވި ނަމަވެސް އޭނާ އިންތިހާބުވެފައި ނުވެއެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަމަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި އެ މަގާމަށް ވާދަ ކުރެއްވި މޫސާ ސިރާޖެވެ.

ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ސިރާޖު ވަނީ އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ސިރާޖަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.