ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންގެ މާލީ ބަޔާން ގާނޫނުގައި ބުނާ މިންގަނޑަށް ނުފެތޭތީ އެ ކެންޑިޑޭޓުން 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އެއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިހާރުގެ ރައީސް އަދި ކުރީގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒާއި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން ގާސިމް އިބްރާހިމާއި ހަސަން ޒަމީލާއި އަހްމަދު ފާރިސް މައުމޫން އަދި އުމަރު ނަސީރެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ މާލީ ބަޔާން ދިރާސާ ކުރުމަށްފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތައް ހުށަހަޅާފައިވާ 5 ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުގެ މިއަދުގެ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ.

އެ ފަސް ކެންޑިޑޭޓުންނަކީ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން ހަސަން ޒަމީލާއި އަހްމަދު ފާރިސް މައުމޫން އަދި އުމަރު ނަސީރުއެވެ.

އެގޮތުން ގާނޫނުގައި ބުނާ ކަންކަން ފުރިހަމަނުކޮށް މާލީ ބަޔާން ހުށަހެޅި 5 ކެންޑިޑޭޓަކު 20،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފަސް ކެންޑީޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓު 6000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކޮމިޝަނަށް ދައްކަން ޖެހޭނެ ކަމަށެވެ.