ނުރައްކާތެރި ކެމިކަލް ހިމެނޭ ބޭސްތަކާ ގުޅިގެން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން އެލާޓް ނެރުމާއެކު އެ ބޭސްތައް ހުރިހާ ފާމަސީއަކުން ނަގާ، ވިއްކުން މަނާކޮށްފައި ވާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
ރާއްޖެއަށް އެތެރެ ކުރި، އާންމު ބަލިތަކަށް ބޭނުން ކުރާ ބޭސްތަކުން ނުރައްކާތެރި ކެމިކަލް މާއްދާއެއް ފެނިފައިވާތީ، ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީ، އާސަންދަ، އެސްޓީއޯ އަދި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރު ކޮށްފައެވެ.
އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ ބޭހުގައި ހުންނަން ނުޖެހޭ ކެމިކަލް މާއްދާއެއް ފެނިފައިވާކަން ފާހަގަކޮށް، ޑަބްލިއުއެޗްއޯއިން ފުރަތަމަ އެލާޓް ނެރެފައި ވަނީ އޮކްޓޯބަރު 2022 ގައި ކަމަށެވެ. އެއަށްފަހު އެ އަހަރުގެ ނޮވެމްބަރު މަހުގައި 2 ވަނަ އެލާޓްއެއް ނެރެފައިވާ ކަމަށެވެ.
ޑަބްލިޔުއެޗްއޯއިން ނެރުނު ހުރިހާ އެލާޓެއް ވެސް ދިވެހި ބަހަށް ތަރުޖަމާކޮށް، ދިވެހި ބަހުން ޕަބްލިޝްކޮށްފައި ވާނެކަން ފާހަގަ ކުރައްވާ ޖަލީލާ ވިދާޅުވީ އެ ބޭސްތައް ރާއްޖޭގެ މާކެޓަށް އެތެރެވިޔަ ނުދިނުމަށް މާކެޓް ސާވައިލެންސް ހަދަމުން ގޮސްފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޭސް ރަޖިސްޓާ ކުރުމަށް ހުރި ނިޒާމުތައް ވަރުގަދަ ކުރުމަށް މަސައްކަތް ފެއްޓެވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެ ނުރައްކާތެރި ކެމިކަލްއަށް ހާއްސަކޮށްގެން ޓެސްޓު ކުރުމުގެ މެކޭނިޒަމް ފަށަން މަސައްކަތް ކުރިކަމަށް ވެސް ޖަލީލާ ވިދާޅުވިއެވެ. ނަމަވެސް 2022 ވަނަ އަހަރު ފާމަކޯޕިއާތަކުގައި ޕަބްލިޝްކޮށްފައިވާ މެތަޑްއަކީ ޖީސީއެމްއެސް ބޭނުންކޮށްގެން ހަދާ ޓެސްޓެއް ކަމަށާއި އޭރު އެމްއެފްޑީއޭގައި އެ ޓެސްޓިން ކެޕޭސިޓީ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލީލާ ވިދާޅުވީ ޓެސްޓިން ކެޕޭސިޓީ ނެތުމުން ބޭސް އެތެރެ ކުރެވޭނީ ކެމިކަލް ޓެސްޓް ރިޕޯޓްތަކާއެކު ކަމަށް ބޭސް އުފައްދާ އިންޑަސްޓްރީތަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ޑަބްލިޔުއެޗްއޯގެ އެލާޓްގެ ކުރިން ޓެސްޓް ކުރުމަކާ ނުލައި ބޭސްތަކެއް ރާއްޖޭގެ މާކެޓަށް ވަދެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މިއަހަރު އޮކްޓޯބަރު މަހު ލިމިޓެޑް ރިސޯސް ހުންނަ ރެޖިއުލޭޓަރީ އޮތޯރިޓީތަކަށް ބޭނުންކުރެވޭ ގޮތަށް ސްކްރީނިން މެތަޑްއެއް ޕަބްލިޝް ކުރުމާއެކު (3 ލޭޔާ ކްރަމަޓޯގްރަފީ) އެ މެތަޑް ބޭނުން ކޮށްގެން ރާއްޖޭގެ މާކެޓުގައި އޭރު ހުރި ހުރިހާ ކޯފް ސިރަޕެއް ސްކްރީން ކުރަން ފަށާފައިވާ ކަމަށް ޖަލީލާ ވިދާޅުވިއެވެ. އެގޮތުން 77 ސާމްޕަލްއެއް ސްކްރީން ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޖަލީލާ އިތުރަށް ވިދާޅުވީ ހުރިހާ ރަށެއްގެ ފާމަސީގެ ދަށުން ބޭސްތައް ނަގާފައިވާ ކަމަށާއި އެ ބޭސްތައް ހެލްތް ސެންޓާތަކުގެ ބެލުމުގެ ދަށުގައި ހުރިއިރު މިހާރު އެ ބޭސްތައް ނައްތާލުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އެމްއެފްޑީއޭގެ ހުއްދަ ހޯދައިގެން ހިންގާ އެއްވެސް ބޭސް ފިހާރައަކު އެ ބޭސްތައް ނުހުންނާނެކަން ޔަގީން ކުރެވިފައިވީ ނަމަވެސް ރިސޯޓްތަކުގެ ތެރެއިން އެމްއެފްޑީއޭގެ ހުއްދަ ނުނަގާ ރިސޯޓެއްގައި މި ބޭސް ހުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭސްތަކުގެ ކޮލިޓީއާމެދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަލީލާ ވިދާޅުވީ މިހާތަނަށް ސިންގަޕޫރަށް ފޮނުވައިގެން ޓެސްޓު ކުރި އެއްވެސް ބޭހެއްގެ ކޮލިޓީ ދަށްކަމަށް ޓެސްޓު ރިޕޯޓުން ދައްކާފައި ނުވާ ކަމަށެވެ. ރޭންޑަމް އިވެލިއުއޭޝަން ތަކުގައި ބޭހުގެ ކުލަ ބަދަލުވުން ފަދަ ކޮލިޓީ މައްސަލަތައް ފާހަގަ ކުރެވިފައި ވަނީ ބޭސް ގެންގުޅެވި ރައްކާކުރެވޭ ގޮތުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެލާގޯ ބްރޭންޑްގެ ސިޓްރަޒިންގައި ކެމިކަލް މާއްދާއެއް ކަމަށްވާ އިތައިލީން ގްލައިކޯލް އަދި ޑައިއިތައިލީން ގްލައިކޯލް ހުރުމުގެ ސަބަބުން އެ ބޭސް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ކުރިން އެލާގޯގެ 3،100 ފުޅި އެތެރެ ކުރެވިފައިވާ ކަމަށް ޖަލީލާ ވަނީ ވިދާޅުވެފައެވެ.
ހެލްތުގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކެމިކަލް ހިމެނޭ ބޭހުގެ ސައިޑް އިފެކްޓްސް އަކީ ބޭނުންކުރާތާ 8 ގަޑިއިރާ 24 ގަޑިއިރާ ދެމެދުގެ ތެރޭގައި "އެކިއުޓް ކިޑްނީ އިންޖަރީ" ދިމާވުން ކަމަށެވެ. އިތައިލީން ގްލައިކޯލް އަދި ޑައިއިތައިލީން ގްލައިކޯލް ކެމިކަލްގެ ސަބަބުން ކިޑްނީއަށް ގެއްލުންތަކެއް ލިބޭއިރު އެ ބޭސް ކުއްޖަކަށް ދެވިފައިވާކަން ޔަގީން ކުރެވޭނަމަ، ކިޑްނީ ޓެސްޓުތައް ހެދުމަށް އެމްއެފްޑީއޭއިން ވަނީ ލަފާދީފައެވެ.