ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިއްހީ ދާއިރާއަށް ހިދުމަތް ކޮށްދެއްވަން ބޭނުންވެ ވަޑައިގަންނަވާތީ ސިވިލް ސާވިސްއާއެކު ކޮންޓްރެކްޓެއް ހަދާފައިވަނީ ހާއްސަ އުސޫލަކުން ނޫން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
ސާޖިދާ އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމު ކަމަށް ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާއިން ކިޔަވާ ވިދާޅުވެ ހުންނެވީ ހަމައެކަނި އެކަމަނާއެވެ.
ރައީސް މުއިއްޒު އިންތިހާބުވެ ވަޑައިގެންނެވުމުގެ ކުރިންވެސް ސާޖިދާ ވަނީ އެ މަގާމުގައި ހުންނަވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް ފަސްޓް ލޭޑީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއެކު ސާޖިދާ ވަނީ މުސާރަ ނުލިބޭ ގޮތަށް 4 އަހަރުގެ މުއްދަތަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފައެވެ. އޭގެ ފަހުން މިނިސްޓްރީގެ އެދުމުގެ މަތިން ކޮންޓްރެކްޓް އުސޫލުން ސާޖިދާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެކަމާ ގުޅިގެން މިއަދު ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ސުވާލުކުރައްވާފައި ވެއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ އެ އުސޫލާ މެދު ގިނަ ބަޔަކު ސުވާލު އުފެދޭ ކަމަށާއި އެ އުސޫލަކީ ފަސްޓްލޭޑީއަށްވުމުން ހެދިފައިވާ އުސޫލެއް ނޫން ކަމަށާއި އެ އުސޫލުގެ ދަށުން ސިވިލް ސާވިސްގެ އެހެން މިނިސްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް މިހާރުވެސް އެބަ އުޅޭ ކަމަށެވެ.
ނާސިހު ވިދާޅުވީ އެގޮތުން ފިނޭންސް މިނިސްޓްރީއިން ވެސް 2018 އިން ފެށިގެން މިހާތަނަށް ފަސް މުވައްޒަފަކަށް އެ ފުރުސަތު ދީފައިވާ ކަމަށާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ވެސް ދެ މުވައްޒަފަކަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ހައުސިން މިނިސްޓްރީގެ ވެސް ތިން މުވައްޒަފަކު އެ އުސޫލުގެ ދަށުން މަސައްކަތްކުރާއިރު ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) ގައި އެއް މުވައްޒަފަކު އެބަހުރި ކަމަށް ނާސިހު ވިދާޅުވިއެވެ.
ފަސްޓް ލޭޑީގެ މި މައްސަލައާ ގުޅިގެން އިތުރު އުސޫލެއް ހަދާފައި ނުވާ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
ބޭރު ދުނިޔޭގެ ފަސްޓްލޭޑީގެ މިސާލުވެސް ނާސިހު ވަނީ ނަންގަވާފައެވެ. އެގޮތުން ނާސިހު ވިދާޅުވީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރު އެމެރިކާގެ ފަސްޓްލޭޑީ މިހާރު ވެސް ކުޑަކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވާ ކަމަށާއި އެ ގައުމުގައި އެއީ ގާނޫނުން މަނާ ކަމެއް ވެސް ނޫން ކަމަށެވެ. ރާއްޖޭގައި ވެސް އެކަން ގާނޫނުން މަނާކޮށްފައިނުވާ ކަމަށް ނާސިހު ވިދާޅުވިއެވެ.
މުޅިންވެސް ދައްކަވާނީ ދޮގުވާހަކައެއް އެހެން މުއައްޒިފުން ނާތަފާތު ސަރުކާރުން ދެމުސާރަ ދޭ ސާޖިދާއަށް ފާއިތުވެ ސަރުކާރުތަކުގައި ވެސް ނުދޭއެއްޗެއް ސާޖިދާވިމާދޭންވި މީތަތިބުނާ އިންސާފަކީ ؟