ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ޗީފް އޮފް ޑިފެންސް ފޯސްއަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ހަވާލުކޮށްދެއްވިއިރު މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފަކީ އަސްކަރީ ތާރީހުގައި ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.

މީގެ ކުރިން އެ ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ އަބްދުއްސައްތާރާއި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަބްދުﷲ ޝަމާލެވެ.

އެންމެ ފަހުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ޝަމާލް ރިޓަޔާކުރައްވާފައިވަނީ މިދިޔަ މަހުގެ ތެރޭގައި 35 އަހަރުގެ ހިދުމަތަށްފަހުއެވެ.