އައްޑޫ ސިޓީ ހިތަދޫގައި ފިހާރައަކުން ވައްކަން ކުރަން ވަން މީހަކު ހިފަހައްޓަން އުޅުމުގެ ތެރޭގައި ސޭޓަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ ހިތަދޫ ފިހާރައަކަށް ވައްކަން ކުރަން ވަން މައްސަލައެއް މިއަދު މެންދުރު ފަހު 03:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ވައްކަން ކުރަން ވަން މީހާ ހިފަހައްޓަން އުޅުމުގެ ތެރޭގައި ފިހާރައިގެ ސޭޓަކަށް އިން މީހާއަށް އަނިޔާ ލިބިފައިވާ ކަމަށާއި އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 18 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.