2019 ވަނަ އަހަރު ދިވެހި ފިލްމު "ބަވަތި" އިން ދިވެހި ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލި ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކުރާ ހަތަރު ވަނަ ފިޗާ ފިލްމު "ކަންބަޅި"ގެ ޝޫޓިން ބާރު ސްޕީޑެއްގައި އެބަކުރިއަށްދެއެވެ.
އައިފިލްމްސްގެ ފުރާޅުގެ ދަށުން ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމު "ކަންބަޅި" މިދިޔަ އޮކްޓޯބަރު މަހު އިއުލާންކޮށް ވަނީ ފިލްމުގެ ޝޫޓިން ފަށާފައެވެ. ނަމަވެސް މިދިޔަ މަހު ކަޒްމިކް އިންޓަނޭޝަނަލްގެ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" ޕްރިމިއާކުރުމުގެ މަސައްކަތް ފެށީ އެ ފިލްމުގެ ޝޫޓިން މެދުކަނޑާލުމަށްފަހުއެވެ. "ކަންބަޅި" ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން މި މަހު ފަށާފައިވާއިރު މި ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި އަހްމަދު އިފްނާޒް ފިރާގު ވެސް ހަރަކާތްތެރިވާނެއެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީއެވެ. ބިރުވެރި ޖޯންރާ އަކަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. ހަމައެއާއެކު ފިލްމަށް އަލަށް ތައާރަފްވާ އުމުރުން ހަ އަހަރުގެ ސާރާގެ މުހިއްމު ރޯލެއް ފިލްމުން ފެނިގެންދާނެއެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ތަރިންނަކީ ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދެވެ. އަދި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފްވާ ތަރިންގެ ތެރޭގައި މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހްމަދު (ޖެރީ) ފެނިގެންދާނެއެވެ.
އައިފިލްމްސް އިން ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމު "ކަންބަޅި" އަކީ އަންނަ އަހަރު ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ. އިއްލެގެ ތިން ފީޗާ ފިލްމެއް ވަނީ މިހާތަނަށް ނުކުމެފައެވެ. އެއީ "ބަވަތި"، "ނީނާ"، "ފްރީ ޑެލިވަރީ" އެވެ. ޝަހީދު ލެގަސީ މިއުޒިކް ހަދާ މި ފިލްމުގެ ކެމެރާމަން އަކީ ޒުވާން ކެމެރާމަން ޝިވާޒް (މާސްކޭ)އެވެ.