ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ކުރިމަތިލައްވައިފިއެވެ.
ކުރިން ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި ނާޒިމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ އޭނާގެ ސިޔާސީ ހަޔާތުގައި މުހިންމު ނިންމުމެއް ނިންމަވާ ދުވަހެއް ކަމަށެވެ. އެގޮތުން ދެގޮތެއް ނުވެ އޭނާއާ އެކު ވަރަށް ގާތުގައި ތިބި ދިއްގަރު ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމުގެ މަގްސަދުގައި ޕީއެންސީގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.
ނާޒިމް މަޖިލީހުގެ މެންބަރުކަން ކުރެއްވީ 2009 އިން 2014 އަށް އަދި 2014 އިން 2015 އަށެވެ. ދިއްގަރު ދާއިރާގެ މެންބަރު ކަމުގެ ގޮނޑި ދެވަނަ ދައުރު ކާމިޔާބު ކުރެއްވި ނަމަވެސް އޭނާއަށް މަޖިލީހުގެ މެންބަރުކަން ގެއްލުނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެންނެވެ.
އެންމެ ފަހުން ނާޒިމް ސިޔާސީ ގޮތުން މަސައްކަތް ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައި މިދިޔަ ރިޔާސީ އިންތިހާބު ތެރޭގައެވެ. އޭނާ އެ ޕާޓީއަށް ސޮއި ކުރެއްވި ނަމަވެސް ގާސިމްގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ވަޑައިގަތުމުގެ ބަދަލުގައި ނާޒިމް ހުންނެވީ ޖޭޕީ އޮފީހުގައެވެ. އޭނާ އޭރު ބަލަަހައްޓަވަމުން ގެންދެވީ ކެމްޕެއިން ބަޖެޓެވެ.
ރިޔާސީ އިންތިހާބު ގާސިމަށް ގެއްލުނު ހިސާބުން ނާޒިމް އެޕާޓީއާ ދުރަށް ވަޑައިގެން ހުންނެވުމަށް ފަހު ދެން މި ފެނުނީ ޕީއެންސީއަށް ސޮއި ކުރެއްވި ތަނެވެ. އޭނާ ޕީއެންސީއަށް ސޮއި ކުރެއްވި އިރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓާއި އަދި ސިޔާސީ އިސް ބައެއް މަގާމުތަކުގައި ނާޒިމް އާ ގާތް ބޭފުޅުން އެބަތިއްބެވިއެވެ.
ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 23 ގައެވެ.