ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި މިއަންނަ ބުދަ ދުވަހަށް ހަމަވާނެ ކަމަށް އީސީއިން ބުނެފިއެވެ.
އިއްޔެ އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މި އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.
މިހާތަނަށް މާލޭ ސިޓީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓެއް އެކަނި ކަމަށާއި އީސީއިން އެ އެޕްލިކޭޝަނުގެ ސައްހަކަން ގަބޫލުކޮށް ޖަވާބު އަރުވާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ އިންތިހާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހަޅުއްވާފައިވަނީ މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ. އެ އިންތިހާބުގައި ވާދަކުރެއްވުމަށް މި މަހުގެ. 7 ވަނަ ދުވަހު ފުރަހަނި ޝުއައިބު ފޯމު ހުށަހަޅުއްވާފައިވާއިރު އެ ފޯމު އީސީއިން ވަނީ ހަމަ އެ ދުވަހު ބަލައިގެންފައެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމާ ގުޅިގެން އެ މަނިކުފާނު ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑީގެ އިތުރުން ގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.
މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ވާދަކުރައްވަން ނިންމަވާފައިވާއިރު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން މިހާރުގެ ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހު ވާދަކުރައްވާއިރު ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްއިން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދެވެ.