ހިޔާ ފްލެޓްގެ ފިނިޝިންއަށް ކޮށްފައިވާ ހަރަދަށް ޖެހޭނެ އެވްރެޖް އަގެއް ކަމުގައިވާ ދެ ލައްކަ ރުފިޔާ ހަދައި ފްލެޓްގެ ކުލިން ކަނޑާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުން ނިންމަވާފައި ވަނީ މިއަދު ކެބިނެޓްގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެ ބައްދަލުވުމުގައި ކެބިނެޓުގައި ނިންމި ނިންމުންތައް ހިއްސާ ކުރައްވާފައެވެ.

މިއަދު ކެބިނެޓުގައި 10 ނިންމުމެއް ނިންމާފައިވާ އިރު އޭގެތެރެއިން 3 ކަމަކީ ގެދޮރުވެރިކަމާ ގުޅޭ ނިންމުންތަކެވެ. އެ ނިންމުންތައް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތައް އެތަނުގެ ފިނިޝިން މަސައްކަތަށް ކުރި ހަރަދު ދޭނެ ކަމަށް ވެވަޑައިގެން ވައުދުފުޅު ފުއްދެވުމަށް އެ އަގު ކުލީގެ އަގުން ކަނޑަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ފިނިޝިން މަސައްކަތަށް ދާނެ ކަމަށް ބެލެވޭ އެވްރެޖް އަގު ކަމަށް ބުނާ ދެ ލައްކަ ރުފިޔާ ފްލެޓްގެ ކުޅިން ކަނޑަން ވަނީ ނިންމާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރު ފިނިޝިން މަސައްކަތް ނުނިންމާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެތަންތަން ދީފައިވާ ކުއްޔަކީ މެއިންޓަނަންސް ފީ އާއެކު މަހަކު 8،500 ރުފިޔާއެވެ. މި އަގު ބޮޑުވެގެން ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން ޝަކުވާ ކުރަމުން ދިއުމުން ކުލީގެ އަގު ވަނީ 5300 ރުފިޔާއަށް މި އަހަރުގެ މެއި މަހުގެ ތެރޭގައި ކުޑަކޮށްފައެވެެ. ނަމަވެސް ކުލި ކުޑަ ކުރި އިރު، ކުލި ދައްކަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްފައި ވުމުން ފްލެޓްގެ އަގު ކުޑަވެފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި މުއިއްޒު ވަނީ ފްލެޓްތަކުގެ ކުލި ކުޑަކޮށް ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ހިޔާ ފްލެޓްގެ ފިނިޝިންއަށް ކުރި ހަރަދު އަނބުރާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެ ލައްކައިގެން މަގުން އަގު ހަދައި ހިޔާ ފްލެޓްގެ ފިނިޝިންއަށް ހޭދަވި ފައިސާ ނަގުދު ފައިސާއިން ދިނުމުގެ ބަދަލުގައި ލުއި ގޮތގެއް ހައްދާވާނެ ކަމަށް ވަނީ އޭރު ވިދާޅުވެފައެވެ.

ކުލިން އެ އަގު ކަނޑަން ނިންމުމާ އެކު މިހާރު ކުލީގެ ގޮތުގައި ކުރިަށް އޮތް 7 އަހަރަށް ދައްކަން ޖެހޭ 5300 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 3984.21 ރުފިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކުލީގެ އަގު އަދާކުރަން އޮތް 7 އަހަރުގެ މުއްދަތަށް ބަދަލެއް ނާންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހީކަމާ ގުޅުން ހުރި ވައުދުގެ ތެރެއިން ދެވަނަ ކަމަށް ނިންމީ ކަމަށާކީ ރަށްރަށުގައި އާޅާފައި ހުރި ރޯހައުސް، ފްލެޓް ނުވަތަ ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކުރުމެވެ. މިއީ ވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެން ވައުދުފުޅެކެވެ.

އެގޮތުން ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ އަގު 3333 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި އަދަދު ކުޑަ ކުރި ނަމަވެސް ފައިސާ ދައްކަން ޖެހޭ މުއްދަތަށް ބަދަލެއް ނާންނާނެ ކަމަށާއި، މިހާރުވެސް އޮތް ގޮތަށް މުއްދަތަކީ 20 އަހަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ކުލީގެ އަގު 3333 ރުފިޔާއަށް ބަދަލުކޮށްފައި މިވަނީ 5000 އަށް، 4500 އަށް ނުވަތަ 4000 އަށް ކުލި ދައްކަމުން އަންނަ ތަންތަން ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މީގެ ކުރިން 2500 އަށް ކުލި ދައްކަމުން އައި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަ ނުވާނެ ކަމަށާއި އެތަންތަނުގެ ކުއްޔަކީ 2500 ރުފިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ތިން ވަނަ ނިންމުމެއްގެ ގޮތުގައި ކެބިނެޓުން ނިންމާފައި ވަނީ ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓާއި މަހުންމަހަށް ދައްކާ ކުލި ކުޑަކުރުމެވެ. އެގޮތުން މިހާރު ޑައުންޕޭމަންޓަށް ދައްކާ އަދަދުން 50 ޕަސެންޓް ކުޑަ ކުރުމަށާއި މަހުންމަހަށް ދައްކާ ކުލިން 4200 ރުފިޔާ އުންިކުރަން ވަނީ ނިންމާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.