ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ. މި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓުގެ އެއް ކޮޓަރި ވަނީ އެއްކޮށް އަނދައި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ބުނީ، އަލިފާން ރޯވި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ފަށާފައިވާ ކަމަށެވެ. މީގެ ތެރޭގައި އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން އިންސާނީ އެހީތެރިކަން ހިމެނެއެވެ.

ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.