މިފްކޯ އަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް އެ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑީ ކުންފުންޏެއް ގޮތުގައި އޮތް އޮތުން ބަދަލު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ނިންމުން ހާމަކުރެއްވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ މުހިއްމު އެއް ސިނާއަތަކީ މަސްވެރިކަން ކަން ފަހާގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މަސްވެރިކަން ފުޅާ ކުރުމައްޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ މިފްކޯއަކީ 100 ޕަސެންޓް ސަރުކާރު ހިއްސާ ވާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެގޮތުން އެސްޓީއޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަން މިއަދު ކެބިނެޓްގައި ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ނިންމުމާއެކު އޭގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ނިންމުމުގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ކުރިއަށް ގެންދިއުމަށާއި މަސްވެރިންނަށް ވެފައިވާ ވައުދުތައް ހާސިލް ކުރުމަށް މަގުފަހި ކުރުން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެކަމުގެ ހުރިހާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމް ކުރަން ނިންމާފައިވާ ކަން ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި އެ ކޯޕަރޭޓިވް އަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަން ވެސް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.