"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 7 އަދި 8 ވަނަ ދުވަހު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ސީއައިޑީސީއޭ އިން އިންތިޒާމު ކޮށްގެން ބާއްވާ ފޯރަމްގައި ތަގުރީރު ކުރެއްވުމަށާއި، ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.

‎ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11 އިން 12 އަށް ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.