ކުށުގެ ރިކޯޑު ސާފު ކުރުމަށް ގިނަ އަދަދެއްގެ ފޯމު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމާ ގުޅިގެން ކުށުގެ ރެކޯޑު ސާފުކުރުމަށް ވަގުތީ ބަދަލެއް އެ އޮފީހުން ގެނެސްފިއެވެ.

ޕީޖީ އޮފީހުން ބުނީ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި އާންމުގޮތެއްގައި 1 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކުށުގެ ރެކޯޑް ސާފުކޮށްދޭ ކަމަށެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، އެނިޒާމު މިވަގުތު ތޮއްޖެހިފައިވާ ކަން އެ އޮފީހުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން މިއޮފީހުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކަށްވެސް އިއްޔެ ބުރޫއެރިއެވެ.

އާންމު ގޮތެއްގައި އަހަރެއްގެ މައްޗަށް ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ހުށަހަޅަނީ ޖުމްލަ 13،000 ފޯމުކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ އިއްޔެ އެކަނި ވެސް 3930 ފޯމު ލިބިފައިވާ ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް އަހަރަކު އަންނަނާނެކަމަށް އަންދާޒާކުރާ ފޯމުގެ 30 ޕަސެންޓު ފޯމު ކަމަށެވެ.

އިއްޔެ ހުށަހެޅުނު ފޯމު ތަކުގެ ތެރެއިން 3،419 ފޯމުގެ ރެކޯޑު ސާފުކޮށްދެވިފައިވާ ކަމަށާއި އެއީ، ރޭގަނޑާ ހަމައަށް ޕީޖީ އޮފީހުގެ މުވައްޒަފުން މަސައްކަތްކޮށްގެން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި އެއީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މިދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތުގައި އެކަނި ކަމަށް އެ އޮފީހުން ވަނީ ހަމަޖައްސާފައެވެ.

ޕީޖީ އޮފީހުން ބުނީ ކޮންމެ ދުވަހަކު ވެސް ރަސްމީ ވަގުތު ނިމެންދެން އެ ދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ކުށުގެ ރެކޯޑު ސާފުކޮށްދޭނެ ކަމަށެވެ. އަދި އެ ގޮތަށް ގޮސް، މިހާރު އޮތް ފޯމުތައް މަދުވުމުން، ކުރިން ވެސް ހިދުމަތް ދެމުން ގެންދިޔަ ގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދޭން ފަށާނެ ކަމަށާއި އެދުވަހަކު ނުނިމި ހުންނަ ފޯމުތަކުގެ މަސައްކަތް ޖެހިގެން އަންނަ ދުވަހު ކުރާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އިއްޔެ ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ.