ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސް އިންތިހާބުކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ނެރުނު ވިޕާ ހިލާފުވެފައި ވާތީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހަޅަން ނިންމައިފިއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕްގެ ތަރުޖަމާނު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ:
- ތްރީލައިން ވިޕް އަޅާފައި އޮތީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމަށް ވޯޓު ދިނުމަށް ކަމަށް
- ވިޕާ ހިލާފުވެފައިވާތީ ޖާބިރާއި ޝިޔާނުގެ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވި ކަމަށް
މަޖިލީހުުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ދެ ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ސަލީމުގެ އިތުރުން، ވިޕާ ހިލާފުވެވަޑައިގެންނެވި ޖާބިރެވެ. ޖާބިރު ވެސް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި އިއްޔެ ނެގުނު ސިއްރު ވޯޓަކުން ފާސްކުރީ ރޭ އިންތިހާބުވެވަޑައިގެންނެވި ސަލީމް ވާދަކުރައްވާ ގޮތަށެވެ.
ނަމަވެސް ޖަލްސާ ކުރިއަށް ދިޔަ ވަގުތު، ޖާބިރުގެ ނަން ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީގެ ނިންމުމާ ހިލާފަށެވެ. އެކަމަށް ތާއީދުކުރެއްވީ ޝިއާނެވެ.
ރޭ މަޖިލީހުގައި ނެގުނި ވޯޓު ސަލީމް ކާމިޔާބުކުރެއްވީ 51 ވޯޓު ހޯއްދަވައިގެންނެވެ. ޖާބިރަށް ލިބިވަޑައިގަތީ 23 މެންބަރުންގެ ވޯޓެވެ.