ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހޮވަން އެމްޑީޕީއިން ނިންމައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީގެ ޕާލިމެންޓް ގްރޫޕުން މިއަދު ނެގި ވޯޓުގައި ސަލީމް ހިމެނިވަޑައިގަންނަވާހެން 3 މެންބަރަކު ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕާލިމެންޓް ގްރޫޕުގެ ވޯޓުގައި ސަލީމްގެ އިތުރުން ބައިވެރިވެވަޑައިގެންފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ.

މެންބަރު ސަލީމްއަށް 26 ވޯޓު ލިބިވަޑައިގެންނެވި އިރު، ރޮޒެއިނާއަށް ލިބިވަޑައިގެންފައި ވަނީ 23 ވޯޓެވެ. އަދި ޖާބިރުއަށް ލިބިވަޑައިގެންނެވީ 4 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަމިއްލައަށް އިސްތިއުފާ ދެއްވާފައި ވަނީ މިއަދު އެވެ. މިއަދު ކުރިއަށް ގެންދިޔަ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދިފާއުގައި ވާހަކަދައްކަން ދެއްވި ފުރުސަތުގައި އޭނާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭނާ ނާގާބިލޭ ބުނެވޭނެ އެއްވެސް މެންބަރެއް އަދި ސިޔާސީ ޕާޓީ އެއް ނޯންނާނެ ކަމަށެވެ. ހަމަ އެހެންމެ މަޖިލީހުގެ ނައިބު ކަމުގައި ހުންނަވައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވެވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް މިރޭ 8:30ގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.